ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަށް އިތުރު ފްލައިޓްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ސަން އަށް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ހަތަރު ސީ ޕްލޭން ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން ޑޭޝް އަށެއްގެ 50 ސީޓްގެ ފްލައިޓަކާއި އަންނަ އަހަރު ތެރޭ އޭ-330ގެ ފްލައިޓެއް ގެނައުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރަމުން އަންނަ ކަމަށް ނަޝާތު ވިދާޅުވިއެވެ. ނަޝާތު ވިދާޅުވީ އަންނަ އަހަރު ތެރޭ އިތުުރު ދެ ސީ ޕްލޭން ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 20 ފްލައިޓް އޮންނައިރު އެކުންފުނިން އަންނަނީ ގިނަ މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ.

އަލަށް ގެންނަ އޭ-330ގެ ބޯޓާއެކު ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.