ގައިގެ ހަންގަނޑު އުޖާލާކޮށް އޮމާންކޮށް ބެހެއްޓުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. މިކަމަށް ޓަކައި ޖީބުން ބޮޑެތި ހަރަދުތައްކޮށް، ކުރާ މަސައްކަތުން ވެސް ގިނަ ފަހަރަށް އެންމެ ހިތްހަމަ ޖެހޭ ނަތީޖާއެއް ނުފެނެ އެވެ.

މިއޮތީ ގައިގެ ހަންގަނޑު އުޖާލާކޮށް، ހަންގަނޑަށް ދިރުން ގެނުވައިދޭނެ ތިން ސިއްރެވެ.

ކާށިތެޔޮ:ކާށިތެލަކީ އޭގައި ހަންގަނޑަށް ބޭނުންވާ އެތައް ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ހަންގަނޑު ކުރަކިވުމާއި، ހަންގަނޑު ހިކުން ފަދަ ކަންކަމުން ދުރުވުމަށް އޮތް ފަސޭހަ ހައްލަކީ ކާށިތެލެވެ. ކާށިތެޔޮ ބޭނުންކޮށްގެން ގޭގައި މޮއިޝަރައިޒާ ވެސް ތައްޔާރުކޮށްލެވިދާނެ އެވެ. ބޭނުން ވާނީ އެއް ޖޯޑު ވާޖިން ކޮކޮނަޓް އޮއިލް އާއި ފަސް ތިކި ލެވެންޑާ އެސެންޝިއަލް އޮއިލް އަދި އެއް ސައިސަމްސާ ވިޓަމިން އީ އޮއިލް އެވެ.

އެންމެ ފުރަތަމަ ކޮކޮނަޓް އޮއިލް ކޮޅު ވިޕްކޮށްލާނީ އެވެ. ދެން ބާކީ ހުރި އެއްޗެހި އެއްކޮށްލައި ރީތިކޮށް ގިރާލާނީ އެވެ. މި ކްރީމް ދަޅަކަށް އަޅާފައި މަތިޖަހާފައި ބަހައްޓާށެވެ. ކޮންމެ ދުވަހަކު ވެސް ހަންގަނޑުގައި އުނގުޅަންވާނެ އެވެ. ހަންގަނޑު އޮމާންކޮށްދޭނެ އެވެ.

މާމުއި:މާމުޔަކީ ވެސް ހަންގަނޑަށް ގިނަ ފައިދާތައް ލިބިދޭ އެއްޗެކެވެ. ހާއްސަކޮށް އަން ޕްރޮސެސްޑް މާމުއި އެވެ. މިއީ ހަންގަނޑުގައި ހުންނަ ލައްތައް ފިލުވާލައި ހަންގަނޑު އޮމާންކޮށް އުޖާލާކޮށްދޭނެ އެއްޗެކެވެ. ބެނުންވާތީ ތާޒާ މާމުއިގެ ދެ ސައި ސަމްސާ އަދި އެއް ސައިސަމްސާ ބްރައުން ޝުގާ އެވެ.

މާމުއި އަދި ހަކުރު ކޮޅު ތައްޓެއްގައި އެއްކޮށްލާށެވެ. މި މިކްސް މޫނުގައި އުނގުޅާށެވެ. ލޮލުގައި އުނގުޅުނަ ނުދިނުމަށް ސަމާލުކަން ދޭންވާނެ އެވެ. އިރުކޮޅަކު ބެހެއްޓުމަށް ފަހު މޫނު ރީތިކޮށް ދޮވެލާނީ އެވެ. ތުންފަތުގައި ވެސް މި ސްކްރަބް އުނގުޅިދާނެ އެވެ. މިއީ މޫނުގައި ހުންނަ ޑެޑް ސްކިންތައް ނައްތާލާނެ ސްކްރަބް އެކެވެ.

ފޮނިތޮށި ކުނޑި:ފޮނިތޮށި ބޭނުންކޮށްގެން ހަންގަނޑަށް ފައިދާ ހުރި ޕައުޑާއެއް ތައްޔާރުކޮށްލެވިދާނެ އެވެ. ބޭނުން ވާނީ އެއް މޭޒުމަތީ ސަމްސާ ފޮނިތޮށި ކުނޑިއާއި އެއް ސައި ސަމްސާ ކޮކޯ ޕައުޑާއެއް ސައި ސަމްސާ ނަޓްމެގް ޕައުޑާ އަދި ދެ ސައިސަމްސާ ކޯން ސްޓާޗްގެ އިތުރުން 10 ތިކި ލެވެންޑާ އެސެންޝިއަލް އޮއިލް އެވެ.

މި ހުރިހާ އެއްޗެއް ރީތިކޮށް އެއްކޮށްލާށެވެ. އެއްވެސް އެއްޗެއް ގުޅަ ގަނެފައި ހުރެގެން ނުވާނެ އެވެ. ދެން ލޫސް ޕައުޑާ އަޅާފައި ހުންނަ ކަހަލަ ދަޅަކަށް އަޅާފައި ބަހައްޓާށެވެ. ބޭނުން ކުރާނީ ކޯ ކަށިގަނޑު، ނިއްކުރި އަދި ދަތްދޮޅީގަ އެވެ. ފުށް ޖެހުމަށް މޭކަޕް ބްރަޝްއެއް ބޭނުން ކުރާށެވެ.