16 Oct 2017, 10:22
ސޯމާލިއާގައި އިއްޔެ ދިން ބާރުގަދަ ޓްރަކުބޮމުގެ ހަމަލާގައި ޒަހަމްވި މީހުންނަށް ތުރުކީގެ ހޮސްޕިޓަލުތަކުގައި ފަރުވާ ދޭނެކަމަށް ތުރުކީގެ ރައީސްގެ ތަރުޖަމާނު އިބްރާހިމް ކާލިން ވިދާޅުވެއްޖެއެވެ.
ކާލިން އޭނާގެ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ ތުރުކީގެ ބޮޑުވަޒީރު ތައްޔިބް އުރުދުއާންގެ ސީދާ އަމުރުގެ ދަށުން އެގައުމުގެ މިލިޓަރީ ސީ އެމްބިއުލެންސްތައް ސޯމާލިއާއަށް ފުރަައިފައިވާ ކަމަށާއި އަދި ސޯމާލިއާގައި ދިން ހަމަލާގައި ޒަހަމްވި މީހުން، ފަރުވާ ދިނުމަށްޓަކައި ތުރުކީއަށް ގެންނާނެ ކަމަށެެވެ.
އިއްޔެ ސޯމާލިއާގެ މުގަދިޝޫގައި ދިން ޓްރަކްބޮމުގެ ހަމަލާގައި މިހާތަނަށް ވަނީ 80 މީހުން މަރުވެ 100 ޒަހަމްވެފައެވެ.
މުގަދިޝޫގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދުގައި ހުރި ހޮޓަލެއްގެ ދޮރުމަތީގައި އެ ހާދިސާ ހިނގީ ޓްރަކެއްގައި ހަރުކޮށްފައިއޮތް ބޮމެއް ގޮވުމުގެ ސަބަބުންނެވެ.
މުގަދިޝޫގެ މީހަކު އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނީ އެހާ ބާރުގަދަ ބޮމެއް އޭނާގެ ހަޔާތުގައި ވެސް މިހާތަނަށް ނުދެކޭ ކަމަށެވެ.
އެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެއެވެ. އެހެން ނަމަވެސް ސޯމާލިއާގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅައިފައިވާ އަލް ޝަބާބު ގްރޫޕުން ދޭތެރެ ދޭތެރެއިން ޓެރެރިސްޓް ހަމަލާތައް ދީ ހަދައެވެ.