ސެންޓްރަލް އެފްރިކަން ރިޕަބްލިކަންގެ މިސްކިތެއްގައި ނަމާދަށް ތިބި ބަޔަކަށް، އެ ގައުމުގެ ހައްދުފަހަނަ އަޅައިފައިވާ ކްރިސްޓިއަނުންގެ ހަނގުރާމަވެރި ގްރޫޕަކުން ދިން ހަމަލާތަކެއްގައި 25 މީހުން މަރާލައިފި އެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިންގެ ކައުންސިލް އޮފް އެލްޑާސްގެ އޮފް ކެމްބެގެ ރައީސް އަބްދުރަހުމާން ބޯނޫ ވިދާޅުވީ އެންޓި ބަލަކާގެ ހަނގުރާމަވެރިން އެ ގައުމުގެ އަވަށެއް ކަމަށްވާ ކެމްބެގެ މިސްކިތެއް ވަށާލައި ހަމަލާދޭން ފެށީ ބުދަ ދުވަހުގެ ހެނދުނު ކަމަށެވެ.

އެ ހަމަލާގައި އެ މިސްކިތުގެ އިމާމާއި އަދި އޭނާގެ ނައިބު ވަނީ ޝަހީދުކޮށްލާފަ އެވެ.

ސެންޓަރަލް އެފްރިކަން ރިޕަބްލިކްގައި 2013 ވަނަ އަހަރުއްސުރެ މުސްލިމުންނާއި ކްރިސްޓިއަން ހަނގުރާމަވެރި ގްރޫޕްތަކާ ދެމެދު ހަމަލާތައް ބަދަލުކުރަމުންނެވެ. މިދިޔަ އަހަރު ކޮންމެވެސް ވަރަކަށް އެ ގައުމު ހަމަހިމޭން އޮތް ކަމުގައި ވިޔަސް މި އަހަރު އަނެއްކާ ވެސް ވަނީ ހަމަނުޖެހުންތައް ފެށިފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުންސުރެ އެ ގައުމުގައި މުސްލިމުންނާއި ކްރިސްޓިއަނުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކުމަރުވެފައިވާ އިރު އެތައްބަޔަކު ވަނީ އެ ގައުމު ދޫކޮށް ކެމަރޫން އާއި ޗާޑަށް ގޮސްފަ އެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި މުސްލިމުންނާއި ނަސާރާއިންނާ ދެމެދު އެންމެ ފުރަތަމަ 2013 ވަނަ އަހަރު ހަމަލާތައް ފެށުނީ މުސްލިމު ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ސެލެކާ އިން އޭރު އެގައުމުގެ ރައީސް ކަމުގައި ހުންނެވި ފްރޭންސޮއިސް ބޮޒީޒީ މަގާމުން ދުރުކުރުމުންނެވެ. ބޮޒީޒީ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވީ 2003 ވަނަ އަހަރު ބަޢާވާތަކުންނެވެ.