ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ކުރިއެރުވުމަށް ގެންނަ ބަދަލުތަކާއެކު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަށް ނިންމައިފި އެވެ.

އެސްޓީއޯއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، އެސްޓީއޯގެ މުވައްޒަފުންނަށް މިހާރު ދެމުންގެންދާ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު މުސާރައިގެ އޮނިގަނޑުގެ ތެރެއަށް ސޭލްސް ކޮމިޝަން އަދި ޓާގެޓް އެޗީވް ކުރުމުން ލިބޭ އެހެނިހެން އެލަވަންސް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަށް ދެމުންގެންދާ މުސާރަ އިތުރުވެގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ މިހާރު އެ ކުންފުނީގެ އޮނިގަނޑު ބައްޓަން ވެފައި ވަނީ ސިވިލް ސާވިސް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައްފަދަ އާާންމުންނަށް ހިދުމަތް ދިނުމަށް އުފެދިފައިވާ އޮފީސްތަކުގެ ސްޓަރަކްޗަރ އަށް އެެއްގޮތަށް ކަމަށެވެ. ނަމަވެސް އެ ކުންފުނިން އަލަށް އެކުލަވާލާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ މި ޒަމާނުގެ ވިޔަފާރި ކުންފުނިތަކުުގައި ބޭނުންކުރާފަދަ އިންސެންޓިވް ބޭސްޑް ސްޓަރަކްޗާއަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުންނީގެ އޮނިގަނޑުތަކަށް ގެންނަ ބަދަލުތަކާއެކު މުވައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާވެގެން ދާނެ ކަމަށެވެ.