20 May 2010, 14:49
19:00
ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާތީ ޑީއާރްޕީ އަލުން މުޒާހަރާއަށް ނުކުންނަން ނިންމައިފި އެވެ.
ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު މިއަދު ވިދާޅުވީ، ކަރަންޓްގެ އަގަށް ލުއި ބަދަލެއް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ، އެކަމަށް ފުރުސަތު ދެއްވުމަށް ޑީއާރުޕީން މުޒާހަރާ މެދުކަނޑައިލި ނަމަވެސް އެކަމަށް ރަނގަޅު ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން މުޒާހަރާތައް ފެށުމަށް އަލުން ނިންމެވީ ކަމަށާއި، މިރޭވެސް މުޒާހަރާ ކުރިއަށް ގެންދިއުމަށް ކުރިން އޮތް ނަމަވެސް ވިއްސާރަވުމުގެ ސަބަބުން އެކަން ފަސްކުރީ ކަމަށާއި، ވިއްސާރަ ނޫންނަމަ މާދަމާރެ އިން ފެށިގެން މުޒާހަރާތައް ކުރިއަށްދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން އަދި ވިދާޅުވީ، ކަރަންޓްގެ އަގަށް ސަރުކާރުން ބަދަލު ގެންނަންދެން މިފަހަރުގެ މުޒާހަރާތައް މާލެއާއި ރަށްރަށުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ޕާޓީގެ ލީޑަޝިޕް ވެސް އޮތީ އެގޮތުގައި ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ޑީއާރުޕީން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށް ވިދާޅުވެ އެކަމުގައި ދިމާވި ބައެއް މައްސަލަތައް ވެސް ނިހާނު ފާހަގަކުރެއްވި އެވެ.
މިދޔަ ބުރާސްފަތި ދުވަހު ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވިދާޅުވީ، އެރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތުގެ ސަބަބުން، އެކި ފަރާތްތަކުގެ އެހީގައި ޑީއާރުޕީން ބޭނުންކުރި ވެހިކަލްތަކާއި ސައުންޑް ސިސްޓަމްތައް ހަލާކުވެ ތިންލައްކަ އަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެ އެތައް ބަޔަކަށް އަނިޔާވި ކަމަށެވެ. އަދި ޑީއާރުޕީ އިސްވެ އޮވެ ކުރާ މުޒާހަރާތައް ރޫޅައިލުމަށް، ސަރުކާރަށް ތާއީދުކުރާ ފުލުހުން ނެރުމަށް މިހާރު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މުޒާހަރާ ރޫޅައިލުމަށް ރަބަރު ވަޒަން ބޭނުން ކުރުމަށް އަންގާފައިވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.