15 Oct 2017, 11:35
"އިންޓަނޭޝަނަލް ޑޭ ފޮ ޑިޒާސްޓާ ރިޑަކްޝަން" ދުވަސް ފާހަގަ ކުރުމަށްޓަކައި "ސޭފްޓީ ސްޓެޕްސް"ގެ ނަމުގައި އާކް އިން ހާއްސަ ކެމްޕޭނެއް ފަށައި، އެކަމާ ބެހޭ މައުލޫމާތު ހިމަނައިގެން ޕޯސްތަރުތަކެއް ބެހުމަށް ހަމަޖެހިފައިވާ ކަމަށް އާކް އިން ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހަކީ"އިންޓަނޭޝަނަލް ޑޭ ފޮ ޑިޒާސްޓާ ރިޑަކްޝަން"ގެ ގޮތުގައިއދ. އިން ފާހަގަކުރާ ދުވަހެވެ. އެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ހޯމް ސޭފް ހޯމް: ރިޑިއުސިންގް އެކްސްޕޯސާ ރިޑިއުސިންގް ޑިސްޕްލޭސްމެންޓް" ކަމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ބުންޏެވެ.
އާކުން ބުނީ އެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ކާރިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.

މޫދުގައި އުޅޭ އިރު ހާދިސާއެއް ކުރިމަތިވެއްޖެނަމަ ކަން ކުރާނެ ގޮތް.- ފޮޓޯ/ އާކް
މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކެމްޕޭން ކުރިއަށް ގެންދިޔުމުގެ މައިގަނޑު އެންމެ ބޮޑު އަމާޒަކީ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުދިންނަށް ކިޔައިދިނުމާ އެކު ހާދިސާއެއް ހިނގުމުން އަޅަން ޖެހޭ ފިޔަވަޅުތައް އިތުބާރާ އެކު އަޅަން ދަސްކޮށްދީ އެކި ގޮތްގޮތަށް އެކުދިން ބާރުވެރިކުރުވުންކަމަށް ވެސް އާކް އިން ބުންޏެވެ.
އާކް އިން ބުނީ ކުރިއަށް ގެންދާ އެ ކެމްޕެއިންގެ ޒަރިއްޔާއިން، ނުރައްކާތެރި ހާދިސާ، ކާރިސާތަކަކީ ކޮބައިކަމާ އެކަން ކަމުން ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންތައްތައް ކިޔައި ދަސްކޮށްދޭނެ ކަމަށެވެ.
އެ ކެމްޕެއިން މެދުވެރިކޮށް ސަލާމަތާއި ރައްކާތެރިކަން ހޯދޭނެ ގޮތްތައް ކިޔައިދެވޭނެ ބައިތަކަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން، މަގުމަތީގެ އެކްސިޓެންޓުތަކުން ރައްކާތެރިވުން، ގޭތެރޭގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުން، މޫދުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމާ އެކު ފުރަތަމަ އެހީ ދިނުން ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކަމަށް އާކުން ބުންޏެވެ.

ފަސްޓް އެއިޑް ބޭނުން ކުރުމުގެ ހާލަތެއް ދިމާވެއްޖެނަމަ ބޭނުން ކުރަންވީ ގޮތް- ފޮޓޯ/ އާކް
އާކުން ބުނީ އެ ހުރިހާ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ވެބްސައިޓެއް ހެދުމަށް ނިންމާފައިވާ ކަަމަށާއި މިހާރުވެސް ސޭފްޓީއާ ބެހޭ އެކި ކަހަލަ މައުލޫމާތު ހިމެނޭ ގޮތަށް ޕޯސްޓަރު ތަކާއި ލީފްލެޓްތައް ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ކެމްޕެއިން ލޯންޗުކޮށްފައި ވަނީ އޮންލައިންކޮށް ކަމަށެވެ.