15 Oct 2017, 10:00
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަޖިސްޓްރީ ކުރި މައްސަލަތައް ދަށަށް ހިނގައްޖެއެވެ.
އޭސީސީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ 167 މައްސަލައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 259 މައްސަލަ އެކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް އޭސީސީން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.
އޭސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކޮމިޝަނުގައި ވަނީ 593 މައްސަލަ ރަޖިސްޓްރީކޮށްފައެވެ. މި އަހަރު ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކަށް ބަލާއިރު އިތުރަށް ތަހުގީގު ކުރުމަށް ނިންމާފައިވަނީ 142 މައްސަލައެއް ކަމަށް އޭސީސީ އިން ބުނެއެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގައި ކޮމިޝަނުން ވަނީ 170 މައްސަލައެއް ތަހުގީގު ކުރުމަށް ނިންމައިފައެވެ.
އޭސީސީ އިން ބުނީ އެކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް، ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 11 މައްސަލައެއް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށް އޭސީސީ އިން ބުނެއެވެ.
ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި، އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިނުވާތީ 28 މައްސަލައެއް، މިއަހަރު ތެރޭ ނުބަލާ ދޫކޮށްލާފައިވާ ކަމަށް އޭސީސީން ބުނެއެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގައި މިގޮތަށް 18 މައްސަލަ ދޫކޮށްލާފައިވާ ކަމަށް އޭސީސީގެ ތަފާސްހިސާބުތައް ދައްކައެވެ.