01 Aug 2011, 06:27
އިންސާނީ ދިރިއުޅުމުގައި މަސްއަލަތަކާ ކުރިމަތިވުމަކީ ޢާއްމުކަމެކެވެ. ކޮންމެ މީހަކަށްވެސް ތަކުރާރުކޮށް މަސްއަލަތަކާ ކުރިމަތިލާން ޖެހެއެވެ. ތަފާތު މަސްއަލަތަކާއި މުޞީބަތްތަކާ ކުރިމަތިވުމުން ހާސްވެ ކަންބޮޑުވާން ޖެހެނީ ކީއްވެގެންތޯއެވެ؟ މިޒަމާނުގެ ޢިބާރާތަކުން ދަންނަވާނަމަ "ޓެންޝަނަށް އާދެވެނީ" ކީއްވެގެންތޯއެވެ؟ ސަބަބަކީ ތަފާތު މަސްއަލަތަކާއި މުޞީބަތްތަކަކީ ކުރިމަތިވެގެން ނުވާނެ ކަންތައްތަކެއް ކަމުގައި ބެލެވުމެވެ. ކުރިމަތިވާ މަސްއަލަތަކާއި ދެރަ ގޮތްތަކަކީވެސް ފިޠުރީ ޤާނޫނާ އެއްގޮތަށް މިދުނިޔޭގައި ކުރިމަތިވެދާނެ ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނަމަ އަޅުގަނޑުމެން އެކަންކަމާ ހާސްވެ ފިކުރުބޮޑުވާކަށެއް ނުޖެހޭނެއެވެ. މިސާލެއްގެ ގޮތުން ވިސްނާލަމާ ހިންގަވާށެވެ. ވިއްސާރަވެ ވައިގަދަވުމަކީވެސް އިންސާނުންނަށް މަސްއަލަތަކެއް ކުރިމަތިވާ ކަމެކެވެ. ނަމަވެސް ވިއްސާރަވެ ވައިގަދަވިކަމުގައި ވިޔަސް އަޅުގަނޑުމެން ފިކުރުބޮޑުވެ ހާސްވެގެންނެއް ނުއުޅެމުއެވެ. އެކަމަކީ ޠަބީޢީ ޤާނޫނުގެ މަތީން ހިނގަމުންދާ ކަމެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވިފައި އޮންނާތީއެވެ. މެދުމިންގޮތެއްގައި އެކަންކަމާ ކުރިމަތިލާން އާދަވެފައި އޮންނާތީއެވެ.
ދިރިއުޅުމުގައި ދިމާވާ ކޮންމެ މަސްއަލައަކާއި ކޮންމެ މުޞީބަތަކީވެސް ޙަޤީޤަތުގައި މިދެންނެވި ބާވަތުގެ ކަމެކެވެ. ޚާލިޤުވަންތަ ފަރާތުގެ ތަޚްލީޤީ މަޝްރޫޢާ އެއްގޮތަށް އައިސްގޮސްވާ ކަންތައްތަކެވެ. އިންސާނާއާ ކުރިމަތިވާ އުނދަގޫތަކުގެ ތެރެއިން އޭނާ "ފައްކާވެ ހަރުދަނާވުމަށް" ލިބޭ ފުރުސަތުތަކެކެވެ.
އަޅުގަނޑުމެންގެ ކުރިމައްޗަށް ހުރަހެޅޭ މަސްއަލަތަކާއި މުޞީބަތްތަކާ ކުރިމަތިލެވިދާނެ ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ ކެތްތެރިވުމާއި ސާބިތުކަންމަތީ ދެމިތިބުމެވެ. ޕޮޒިޓިވް ގޮތެއްގައި މަސްއަލައަކާ ކުރިމަތިލުމެވެ. އަނެއްގޮތަކީ ކެތްތެރިކަމުގެ ދާވަނި އަތުން ދޫކޮށްލުމެވެ. ނުކުޅެދުންތެރިކަމާއި ހާސްކަމާއެކު މަސްއަލައިގައި ހައްޔަރުވުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ނެގެޓިވް ގޮތެއްގައި މަސްއަލައާ ކުރިމަތިލުމެވެ. އަޅުގަނޑުމެންނަށް "ޓެންޝަނަށް އާދެވެނީ" ކެތްތެރިނުވެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިދުނިޔޭގައި ލައްވަވައިފައިވާ ފިޠުރަތުގެ ޤާނޫނަކީ އެންމެންވެސް ބޯލަނބައި ތަބާވާންޖެހޭ ޤާނޫނެކެވެ. އިންސާނާގެ ފެށުންވެސް އައިސްފައިވަނީ އެޤާނޫނާ އެއްގޮތަށެވެ. އޭނާގެ ނިމުމުގައިވެސް އޭނާ ވަނީ އެޤާނޫނަށް ތަބާވާން ޖެހިފައެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހަކުވެސް ފިޠުރީގޮތުން މަސްއަލަތަކާ ކުރިމަތިލުމެވެ. މެދުމިންކަމާއެކު މަސްއަލަތަކާ ކުރިމަތިލުމެވެ. ތިމާގެ މިންވަރުގައިވާ ގޮތާމެދު ރުހި ޤަބޫލުވުމެވެ. ތިމާއާ ކުރިމަތިވެގެން ނުވާނެ މަސްއަލައެއް ކުރިމަތިވީ ކަމަށާއި، އެކަންތައް ކުރިމަތިވީ އެވެނި މީހެއްގެ ހަސަދަވެރި ރޭވުމެއްގެ ސަބަބުން ކަމުގައި ދުށުމުން އެއްކިބާވުމެވެ.
އަޅުގަނޑުމެންނަށް ކުރިމަތިވާ މަސްއަލަތަކާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަނީ ވަރަށް ފުރިހަމަ އިރްޝާދެއް ދެއްވައިފައެވެ. އާދެ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ.
"ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާ ހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރިދާނެ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." (އަލްބަޤަރާ: 155، 156، 157)
މިއާޔަތުގައިވަނީ އަޅުގަނޑުމެންނަށް ދުނިޔޭގައި ކުރިމަތިވާ މުޞީބަތްތަކުގެ ސަބަބުތައް ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވާފައެވެ. އާދެ އެސަބަބަކީ އިމްތިޙާނުކުރެއްވުމެވެ. ޙާދިޘާތަކުގެ ތެރެއިން ހަރުދަނާ ތަރްބިއްޔަތެއް ދެއްވުމެވެ. އަޅުގަނޑުމެންގެ ޝަޚްޞިއްޔަތު އިތުރަށް ފުރިހަމަކުރެއްވުމެވެ. ޙާދިޘާތަކަކީ އިންސާނާ ކަޑައްތުކުރަންޖެހޭ ތަރައްޤީގެ ހަރުފަތްތަކެކެވެ. ޙާދިޘާތަކާ ކުރިމަތިވުމުން އިންސާނާގެ ސިކުނޑި އިތުރަށް ހުޅުވެއެވެ. ހޭލުންތެރިވެއެވެ. ތަޖުރިބާތައް އޭނާ އިތުރަށް ވަރުގަދަކޮށްދެއެވެ. ޙާދިޘާތަކަކީ އިންސާނާ އިތުރަށް ހަރަކާތްތެރި ކުރުވުމުގެ ވަސީލަތެކެވެ. ޙަޔާތުގެ ދަތުރުގައި އޭނާ ފުރޮޅައި ހޭލައްވާ ކަމެކެވެ.
އަޅުގަނޑުމެން މަސައްކަތްކުރަން ޖެހެނީ ޙާދިޘާތަކަށް ފިލާކަށެއް ނޫނެވެ. ސިގިރެޓާއި ރާއާއި އެނޫންވެސް މަސްނޫޢީ ވަސީލަތްތަކުން މަސްއޫލިއްޔަތާއި ޒިންމާތައް ހަނދާނުން ފޮހެލާކަށެއް ނޫނެވެ. އަޅުގަނޑުމެން ޖެހޭނީ ފިސާރި ސާބިތުކަމާއެކު ޙާދިޘާތަކާ ކުރިމަތިލައި މުޞީބަތުގެ ތެރެއިން އުއްތި ފުރިހަމަވެފައިވާ ވަރުގަދަ ޝަޚްޞިއްޔަތުތަކަކަށް ވާށެވެ.