ރަޝިއާގެ ޑޮކްޓަރުންލައްވައި ޔަމަނުގައި ކުރި އޮޕަރޭޝަނަށް ފަހު ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ ހާލުކޮޅު ހަމައަކަށް އެޅިފައިވާކަމަށް ޔަމަނުގެ ސަރުކާރުން ބުނެފިއެވެ.

ސާލިހުގެ އޮޕަރޭޝަން ކުރުމަށްޓަކައި ޔަމަނަށް ރަޝިއާގެ ޑޮކްޓަރުން ގޮސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ދެހާސް އެގާރަ ވަނަ އަހަރު ވެރިކަމުގައި ހުންނެވި ދުވަސްވަރު ގަނޑުވަރުގައި ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައި ސާލިހް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ޔަމަނަށް ސުލްހަ ގެނައުމަށް ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އދ. ގެ ސެކިޔުރިޓީ ކައުންސިލުން 2014 ވަނަ އަހަރު ވަނީ ސާލިހްގެ މުދާތައް ގަނޑުކޮށް ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައެވެ.

ޔަމަނުގެ ސަރުކާރުގެ ބޭފުޅުން ރޮއިޓާސްއަށް މައުލޫމާތު ދިންގޮތުގައި ރަޝިއާގެ ޑޮކްޓަރުންގެ ޓީމް އެގައުމަށް ގޮސްފައިވަނީ ސައުދީ ސަރުކާރުގެ ހުއްދި ލިބިގެންނެވެ. ދެހާސް ފަނަަރަ ވަނަ އަހަރު ސައުދީން ޔަމަނަށް ދޭން ފެށި ހަމަލާތަކާއެކު ސައުދީން ވަނީ ޔަމަނުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.

ޔަމަނުގައި 2012 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށްފަހު ސާލިހް ވަނީ އިސްތިއުފާދީފައެވެ.

ސާލިހަށް ފަހު ވެރިކަމަށް ވަޑައިގަތް ހާދީ މަންސޫރުގެ ވެރިކަން ވައްޓާލި ހޫތީންނާ ސާލިހް ފަހުން ވަނީ ކޯލިޝަނެއް ހަދައިފައެވެ.