ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން މައުލޫމާތު ހިއްސާކުރުމަށް އެކިގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން، ރާއްޖެ ހިމެނޭގޮތަށް އިންޑިއާއިން އަވަށްޓެރިގައުމުތަކުގެ ސައިންޓިސްޓުންނާއި އަދި ރިސާޗަރުންނަށް ސްކޯލާޝިޕްތަކެއް ހުޅުވައިލައިފިއެވެ.

އިންޑިއާ ސައިންސް އެންޑް ރިސާޗް ފެލޯޝިޕް ޕްރޮގްރާމް 2018ގެ ދަށުން ވަނީ އަފްގާނިސްތާން، ބަނގުލަދޭޝް، ބޫޓާން، ދިވެހިރާއްޖެ، މިޔަންމާ، ނޭފާލް އަދި ސްރީލަންކާ ހިމެނޭގޮތަށް، އެގައުމުގެ ސައިންޓިސްޓުންނާއި ރިސާޗަރުންނާއި އަދި އެކަޑެމިކް ރިސާޗަރުންނަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސްކޯލާޝިޕް ހުށަހަޅައިފިއެވެ.

ޕީއެޗްޑީ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން އިންޑިއާއިން އެ ޕްރޮގްރާމަށް ވަނީ މުޅިން އާބައެއް އިތުރުކޮށްފައެވެ. އެގޮތުން ސައިންސާއި އިންޖިނިއަރިންގެ އިތުރުން މެޑިކަލް ދާއިރާއިން ޕީއެޗްޑީ ހަދަމުންދާ ދަރިވަރުން އިންޑިއާގެ ރިސާޗު އިންސްޓިޓުއުޓަކުން ހިންގާ ރިސާޗް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަންޖެހެއެވެ.

އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓަރު ހާޝް ވަރުދާން ވިދާޅުވީ މި ސްކޯލާޝިޕްތަކުގެ ސަބަބުން ހުނަރުތައް ތަރައްގީކޮށް އިންޑިއާގެ ސައިންޓިފިކް ރިސާޗް އިންސްޓިޓިއުޝަންތަކުގެ ގުޅުން ރަނގަޅުވެ އެތަަންތަން އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އެކި ގައުމުތަކާ މައުލޫމާތު ހިއްސާކޮށް ގުޅުން އާލާކުރުމުގެ ގޮތުން އިންޑިއާއިން ވަނީ 44 ގައުމަކާއެކު އެއްބަސްވުންތައް ހަދަައިފައެވެ. އޭގެ ތެރޭގައި އެންމެ ތަރައްގީވެފައިވާ ގައުމުތަކާއި އަދި ތަރައްގީވަމުން އަންނަ ގައުމުތައް ހިމެނެއެެވެ.