ދެހާސް ފަނަރަ ވަނައަހަރު އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމާއެކު ސޮއިކުރި އެއްބަސްވުން އަލުން ތަސްދީގު ނުކުރައްވައި އެ އެއްބަސްވުމަށް އެމެރިކާ ބޭނުންވާ ބަދަލުތައް ގެނައުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރުދުވަހުވަނީ ކޮންގްރެސް އަށް ފޮނުއްވާފައެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ހީކުރި ގޮތާ ޚިލާފަށް އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ޓްރަމްޕް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްވަނީ އެއީ އެމެރިކާ ސޮއިކޮށްފައިވާ އެންމެ ގޯސް އެއްބަސްވުންކަމަށް ސިފަކުރައްވައި އެއެއްބަސްވުމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެ ފަސްކަމެއް ފާހަގަ ކުރައްވައިފައެވެ. މީގެތެރޭގައި މުޅިންވެސް ހިމެނެނީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ ދެކޮޅަށް އިސްރާއީލުން އަޑުއުފުލި ކަންތައްތަކެވެ.

މީގެތެރެއިން ފުރަތަމަ ކަމަކީ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް މިހާރަށްވުރެ ބޮޑަށް ބަލައި ފާސްކުރުމެވެ. އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ކަންތައް މިހާރުވެސް ކުރިޔަށް ގެންދަނީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ނިއުކްލިޔަރ ޕްރޮގްރާމް ބަލައި ފާސްނުކުރާހާ ހަރުކަށިކޮށްކަމަށާ އިތުރަށް ހަރުކަށި ކުރަންޖެހޭ ކަމެއްނެތްކަމަށް އައިއޭއީއޭ ން ބުނެއެވެ.

ދެވަނަ ކަމަކީ ނިއުކްލިޔަރ މަރުކަޒެއްކަމަށް އެމެރިކާއަށް ޝައްކު ކުރެވޭ އީރާނުގެ ކޮންމެ ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ އެމެރިކާގެ އިނިސްޕެކްޓަރުންވެސް ހިމެނޭގޮތަށް އައިއޭއީއޭ އަށް ދިނުމަށް އީރާނުން އެއްބަސްވުމެވެ. މިއީ މިއެއްބަސްވުން މެދުވެރިކޮށް އީރާނުގެ އަސްކަރީ މަރުކަޒުތައް ބަލައި ފާސްކޮށް އީރާނުގެ އަސްކަރީ ސިއްރުތައް ހޯދުމުގެ ނިޔަތުގައި އިސްރާއީލު ބޭނުންވެގެން މާކުރިންވެސް އުޅުނު ކަމެކެވެ. އީރާނުންވަނީ ނިއުކްލިޔަރ ވާހަކަތައް ކުރިޔަށްދިޔައިރު އެމެރިކާ މިކަން ހުށަހެޅުމުން ވަރަށް ހަރުކަށިކޮށް މިކަމަށް ދެކޮޅު ހަދާފައެވެ.

ތިންވަނަ ކަމަކަށް ޓްރަމްޕް ބޭނުންވިކަމަކީ އީރާނުގެ ނިއުކްލިޔަރ ހަތިޔާރާ ނުވަތަ ނިއުކްލިޔަރ ޕްރޮގްރާމާ އެއްވެސް ގުޅުމެއްނުވާ އީރާނުގެ ދިފާއީ އެހެން ޕްރޮގްރާމެއް ކަމަށްވާ މިސައިލާއި ރޮކެޓް އުފެއްދުމުގެ ޕްރޮގްރާމްވެސް އީރާނުން ހުއްޓާލުމެވެ. މިއީވެސް އިސްރާއީލު ބޭނުންވާކަމެކެވެ. މަގްސަދަކީ އަސްކަރީ ގޮތުން އިސްރާއީލަށް ރައްދު ނުދެވޭފަދަ ބަލިކަށި ގައުމަކަށް މުސްތަގްބަލްގައި އީރާން ހެދުމެވެ.

އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމުގެ ސަބަބުން އީރާން ވަނީ އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ހަމަލާދެވޭ ވަރުގެ ދުރުރާސްތާގެ މިސައިލް އުފައްދާފައެވެ. އެހެންކަމުން އީރާނަށް ހަމަލާދޭކަށް އިސްރާއީލަކަށް ނުކެރެއެވެ. ސަބަބަކީ އިސްރާއީލުން މިފަދަ ކަމެއްކޮށްފިނަމަ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތަކަށްވެސް އީރާނުން ހަމަލާދޭނެކަން އިސްރާއީލަށް ކަށަވަރުވާތީއެވެ. އިސްރާއީލު މިހާރު ބޭނުންކުރާ މިސައިލް އައްޑަނައިގެ ނިޒާމުތަކަކީ ހުރިހާ މިސައިލްތަކެއް ވައްޓާލެވޭފަދަ ގާބިލް ނިޒާމުތަކެއްނޫނެވެ.

ހަތަރުވަނަ ކަމަކީ މެދުއިރުމަތީގެ ގައުމުތަކުގައި ޚާއްސަކޮށް އިސްރާއީލާ އިންވެފައިވާ ލުބްނާނާއި ސޫރިޔާފަދަ ގައުމުތަކަށް އީރާނުން ހިންގާ ބާރާއި ނުފޫޒު ހުއްޓުވުމަށް އީރާން އެއްބަސްވުމެވެ. އެހެން އިބާރާތަކުން ބުނާނަމަ ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރްސަތު ހަމައެކަނި އެމެރިކާއާއި އިސްރާއީލަށާ އެމެރިކާގެ ބައިވެރިންކަމަށްވާ ސައޫދީ އާއި ޔޫއޭއީ ފަދަ ގައުމުތަކަށް ދީފައި އީރާން ދުރުގައި އޮތުމެވެ. މިއީ ސަރަހައްދީ ބާރެއްގެ ހައިސިއްޔަތުން އީރާންވެސް ތުރުކީވެސް އަދި އެހެން ގައުމެއްވެސް ކުރާނެކަމެއްނޫނެވެ.

ފަސްވަނަ ކަމަކީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމެވެ. އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުގައި މިހާރުވާގޮތުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރާނީ ދިހަ އަހަރުވަންދެނެވެ. ޓްރަމްޕް ބޭނުންވަނީ ވަކި މުއްދަތެއްނެތި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރްސަތު ދިނުމަށް އީރާނުން އެއްބަސްވުމަށެވެ. މިއީ އެއްވެސް ގައުމަކަށް އެއްބަސްވާން ފަސޭހަ ކަމަކަށް ނުވާނެއެވެ. އިސްރާއީލަކީ އެގައުމުގެ ނިއުކްލިޔަރ އެއްވެސް މަރުކަޒެއް ބަލައި ފާސްކުރުމުގެ ފުރްސަތު ބައިނަލްއަގްވާމީ ފަރާތްތަކަށް ދޭ ގައުމެއް ނޫނެވެ. އަދި އިސްރާއީލަކީ ސިއްރިޔާތުގައި ނިއުކްލިޔަރ ހަތިޔާރުވެސް އުފައްދައިގެން އުޅޭ ގައުމެކެވެ. މިވަރުންވެސް އިސްރާއީލަށް އެއްވެސް ޕްރެޝަރެއް ނެތެވެ.

ކުރުގޮތަކަށް ބުނާނަމަ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން އަލުން ތަސްދީގު ކުރުމަށްޓަކައި އެއަށް ގެންނަން ޓްރަމްޕް ބޭނުންވާ އިސްލާހް ތަކަކީ މެދުއިރުމަތީގައި އަސްކަރީ ބާރުވެރިކަމާއި ނިއުކްލިޔަރ ބާރުވެރިކަން އޮންނަންޖެހޭނީ ހަމައެކަނި އިސްރާއީލު އަތުގައި ކަމަށް ހެދުމެވެ. އެހެން ގައުމުތަކަށް އޮތީ އެމެރިކާ ދޭ ފެންވަރުގެ ހަތިޔާރެއް ބޮޑުއަގުގައި އެމެރިކާ އަތުން ގަތުމެވެ. ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީ ހަމައެކަނި އިސްރާއީލަށް ޚާއްސަ ކަމަކަށް ހެދުމެވެ. މިއީ ސައޫދީ އާއި ޔޫއޭއީ ފަދަ ހުރިހާ ކަމެއްގައި އެމެރިކާއަށް ބަރޯސާވާ އަރަބި ގައުމުތަށް މިހާރުވެސް އަދި ކުރިންވެސް އަމަލުކުރާ ގޮތެވެ.

އީރާން ނުބައި ގައުމަކަށްވަނީ މިގޮތަށް އެމެރިކާއަށް ކިޔަމަންތެރިވާ ގައުމަކަށް އެގައުމު ނުވެފައި އަމިއްލަފައިމައްޗަށް ތެދުވެ ބާރުވެރިކަން ހޯދަން މަސައްކަތްކުރާ ގައުމަކަށް ވާތީއެވެ. އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން އަލުން ތަސްދީގު ނުކުރައްވައި އެމައްސަލަ ކޮންގްރެސް އަށް ފޮނުއްވުމަށް ޓްރަމް ނިންމެވުމުން އެމެރިކާވަނީ ދުނިޔޭގައި ކުރިޔަށްވުރެވެސް ބޮޑަށް އެކަހެރިވެފައެވެ.

އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ބޮޑެތި ބާރުތައްވެސްވަނީ މިކަމުގައި އެމެރިކާއާ ޚިޔާލު ތަފާތުވެފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނަކީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާއާއެކު ސޮއިކޮށްފައިވާ ބާރުތަކެވެ. އެގައުމުތަކުން ބުނީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ތަސްދީގު ނުކުރެއްވުމުގެ ހައްގު ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ. އަދި ޓްރަމްޕް މިގޮތަށް ކަންތައް ކުރެއްވުމުން އެމެރިކާ ސޮއިކުރާ މުއާހަދާތަކުގައި އެމެރިކާ ދެމި އޮންނާނެ ކަމުގެ އިތުބާރު ދުނިޔޭގެ ގައުމުތަކަށް ގެއްލޭނެކަމުގައެވެ.

އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމަށް އެމެރިކާ މިގޮތް ހެދުމުން މިހާލަތުގައި އުތުރުކޮރެޔާގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް އެއްބަސްވުމަކަށް އައުމުގެ ފުރްސަތުވެސް އެމެރިކާއަށް ގެއްލިގެންދާނެކަމަށް މިގައުމުތަކުން ބުނެއެވެ. އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ބައިނަލްއަގްވާމީ ފެންވަރުގައި ތަސްދީގުކޮށްފައިވާ އެއްބަސްވުމަކަށްވާތީ އޭގައި ސޮއިކޮށްފައިވާ އެއްވެސް ގައުމަކަށް އެއެއްބަސްވުން އުވާނުލެވޭނެކަމަށް ޔޫރަޕްގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުން ބުނެއެވެ.

ރަޝިޔާއިން ވަނީ ޓްރަމްޕް، އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ދެވަނަ ފަހަރަށް ތަސްދީގު ނުކުރައްވައި އެމައްސަލަ ކޮންގްރެސްއަށް ފޮނުއްވުމުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ޓްރަމްޕްގެ ހަރުކަށި ނިންމުމަށް ފާޑުކިޔާފައެވެ. އީރާނުން ބުނީ އެގައުމުގެ ނިއުކްލިޔަރ އެއްބަސްވުން، ޓްރަމްޕް، އަލުން ތަސްދީގު ނުކުރިނަމަވެސް ދެން އެއެއްބަސްވުމަށް ބަދަލު ނުގެންނާނެކަމުގައެވެ. އަދި ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާ ސިޔާސަތުތައް ދުނިޔޭގެ ފެންވަރުގެ ޖޯކަކަށް ވެފައިވާ ކަމަށްވެސް އީރާނުން ބުނެއެވެ. މިމައްސަލާގައި އެމެރިކާ ވަނީ ބައިނަލްއަގްވާމީ ޖަމާއަތުން ބޭރުވެފައި ކަމަށާ މިކަމުގެ ސަބަބުން އެމެރިކާގެ އިތުރުބާރާއި ބޮޑުބާރެއްގެ ހައިސިއްޔަތު އެމެރިކާއަށް ގެއްލިފައިވާ ކަމަށާ އެމެރިކާއަކީ އިސްރާއީލުގެ އަޅެއްގޮތަށް އިސްރާއީލުގެ ހިމާޔަތުގައި މަސައްކަތްކުރަން މަޖްބޫރުވެފައިވާ ގައުމެއް ކަމަށް އީރާނުގެ މީޑިޔާ އިންވަނީ ސިފަކޮށްފައެވެ.