ޔޫއޭއީ އިން ހަނގުރާމަވެރި ގްރޫޕްތައް ބޭނުންކޮށްގެން ގަތަރަށް އަރައިގަތުމަށް ތައްޔަރުވަމުންދާ ކަމަށް ގަތަރުގެ ކުރީގެ ޑެޕުޓީ ޕްރައިމިނިސްޓަރު އަބްދުﷲ ބިން ހަމާސް އަލް އަތިއްޔާ ވިދާޅުވެއްޖެއެވެ.

އަބްދުﷲ ވިދާޅުވީ ޔޫއޭއީން މަސައްކަތްކުރަމުންދަނީ ބްލެކް ވޯޓާގެ ނަމުން ކުރިން މަޝްހޫރުވެފައިވާ އެމެރިކާގެ ސެކިއުރިޓީ ކޮމްޕެނީ އަދި މިހާރުގެ ނަމުންނަމަ އެކަޑަމީ ބޭނުންކޮށްގެން ގަތަރަށް އަރައިގަތުމަށް ކަމަށެވެ. ނަމަވެސް އެކަމަށް އެމެރިކާގެ ފެހި ސިގްނަލް މިހާތަަނަށް ލިބިފައި ނުވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ސެޕްއިންގެ އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ވިދާޅުވީ އެކަޑަމީގެ އެތައް ހާސް ސިފައިންނެއް ދަނީ ޔޫއޭއީގައީ ތަމްރީނު ކުރަމުން ކަމަށާއި ގަތަރާއި ގަލްފުގެ ގައުމުތަކުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ ކުރިން އެގައުމަށް އަރައިގަތުމަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ.

ސްޕެއިންގެ ނޫހުން އޭބީސީ ނޫހުން ބުނިގޮތުގައި އެމެރިކާއިން ފުރަތަމަ އޮތީ އެ ޕްލޭންއަށް އަމަލުކުރުމަށް ތައްޔާރަށެވެ. ނަމަވެސް ފަހުވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޕްލޭނާ ދެކޮޅު ހެއްދެވީ ކަމަށް އެ ނޫހުން ބުންޏެވެ.

ޔޫއޭއީގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ލިވާ ގައި ބޭރުގެ ހަނގުރާމަވެރިން ޓްރެއިން ކުރަމުންދާ ކަމަށް އެމެރިކާގެ ހަފިންގްޓަން ޕޯސްޓުން ވަނީ ބުނެފައެވެ.

ޔޫއޭއީ އިން ޔަމަަނުގެ ހޫތީންނަަށް ދޭ ހަމަލާތަކުގައިވެސް އެކަޑަމީގެ ހަނގުރާމަވެރިން ބޭނުންކުރާ ކަމަށް ވަނީ ވަރަށް ބޮޑަށް ތުހުމަތުކުރެވިފައެވެ.

ބްލެކްވޯޓާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ކޮންޓްރެކްޓަރުންގެ ގޮތުގައި އެމެރިކާއިން އިރާގު ހަނގުރާމައިގައި އާއި އޭގެ ފަހުން ބޭނުންކުރި ދުވަސްވަރު އެ ގްރޫޕުން ހިންގި އަނިޔާވެރި އަމަލުތައް ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރުމުންނެވެ. އެ މައްސަލަތައް ބޭޒާރުވުމުން އެ ގްރޫޕުން ވަނީ ރީބްރޭންޑްކޮށް ނަންވެސް ބަދަލުކޮށްފައެވެ.