ކ. މާފުށިން، މަސްތުވާތަކެއްޗާ އެކު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 19އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އަންހެން މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތް ދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މައްސަލަ މިހާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން މަސްތުވާތަކެއްޗާ އެކު ގިނަ ބަޔަކު ހައްޔަރުކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.