14 Oct 2017, 13:27
ސްރީލަންކާގެ ދެހިވަލަ އަވަށުގެ ޑޭބްރިޖް ސްކޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގައި އެ ސްކޫލުގެ ބޭރުގައި އިއްޔެ ތޫނު އެއްޗެއް ބޭނުންކޮށް މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި ދިވެހިންގެ ހަ ކުދިން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު "ސަން" އަށް ވިދާޅުވީ، މާރާމާރީގައި ހައްޔަރު ކޮށްފައި ވަނީ ހަ ދިވެހި ކުދިން ކަމަށާއި މިހާރު އެ ކުދިން ވަނީ ކަފާލާތުގެ ދަށުން ކޯޓަށް ހާޒިރުވުމަށް މުއްދަތު ކަނޑައެޅުމަށް ފަހު ދޫކޮށްލާފައި ކަމަށެވެ. އެ ކުދިން ކޯޓަށް ހާޒިރުވާން މުއްދަތު ޖަހާފައިވާ ތާރީހަކީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ، އިއްޔެ ހަވީރު އެ މާރާމާރީގައި ބައިވެރިވި ކުދިންގެ ބެލެނިވެރިންނާ ވާހަކަ ދައްކައި ކުދިންނަށާއި ބެލެނިވެރިންނަށް ނަސޭހަތް ތެރިވެފައިވާނެ ކަމަށެވެ. އަދި އެ ކުދިން ކިޔަވަމުންދާ ސްކޫލްގެ ފަރާތުން ވަނީ ކޯޓުގައި އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކޮށްފައި ކަމަށާއި ނަމަވެސް އެފަރާތާ ވާހަކަ ދައްކައިގެން ލުއި ގޮތަކަށް މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް ލުއި ގޮތަކަށް އެ މައްސަލަ ކުރިއަށް ގެންދެވޭތޯ. އެ ކުދިންނަށް ވެސް ވަރަށް ނަސޭހަތް ދިނިން ދެން އެފަދަ އަމަލެއް އިތުރަށް ނުހިންގުމަށް. އިތުރު އަމަލެއް އެ މައްސަލައާ ގުޅިގެން ހިންގައިފި ނަމަ ވަރަށް ސީރިއަސް މައްސަލައަކަށް މި މައްސަލަ ވެގެންދާނެ. ބެއިލްގެ ދަށުން ކުދިން ދޫކޮށްލުމަކުން މައްސަލަ އަދި ނިމުނީއެއް ނޫން،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިންގެ ބެލެނިވެރިންނާ އިއްޔެ ބައްދަލުކުރުމުން ސްކޫލުގެ ފަރާތުން އެފަދަ އަމަލުތަކާ މެދު ފިޔަވަޅު އެޅުމުގެ ކަންތައް އޮތް ނެތް ގޮތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ޑޭބްރިޖް ސްކޫލަކީ އެ ސްކޫލުގައި ދިވެހި ދަރިވަރުން ގިނަ ސްކޫލެއް ކަމަށާއި އަންނަ ހަފުތާގައި ސްކޫލުގެ ޑިރެކްޓަރާ ބައްދަލުކޮށް ވާހަކަ ދައްކައި މާރާމާރީ ފަދަ އަމަލުތަކަށް ސްކޫލުގެ ޕޮލިސީގެ ދަށުން ފިޔަވަޅު އަޅާ ގޮތާ ބެހޭ ގޮތުން ސުވާލު ކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ. އަދި ސްކޫލުގެ ޕޮލިސީގެ ދަށުން ދަރިވަރުންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެއްވުމަށް ޑިރެކްޓަރާ އެކު ބާއްވާ ބައްދަލުކުރެއްވުމުގައި ދަންނަވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އިއްޔެ ހިންގި މާރާމާރީގައި ޒަހަމްވި ކުދިން މިހާރު ފަރުވާ ކުރުމަށްފަހުގައި ވޯޑަށް ނެރިފައިވާ ކަމަށާއި އެ ކުދިންގެ ހާލު ރަނގަޅު ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެ މާރާމާރީއަކީ ދެ ކުއްޖެއްގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި ދެ ކުދިންނާއި އެ ކުދިންގެ ރައްޓެހިންނާ މެދު ހިނގި ކުރިމަތި ލުމެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އެ މާރާމާރީގައި ލަންކާ ކުދިން ބައިވެރިވި ނަމަވެސް އެ ކުދިންނާ ބެހޭ މައުލޫމާތެއް ސާފުވެފައެއް ނުވެ އެވެ.