14 Oct 2017, 13:11
މި ސަރުކާރުގައި އައިޑީ ކާޑުން ޑޮލަރު ނެގޭނެ ކަމަށް ބުނެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ދެއްކި ވާހަކައަށް މަލާމާތް ކުރި މީހުންނަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ލ. ބޮޑު މަގުގައި ބަސްދަތުރު ފެށުމަށް އިއްޔެ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އަދުރޭ ވިދާޅުވީ މި ސަރުކާރު އައިފަހުން އައިޑީ ކާޑު ޖަހާލީމާ ޑޮލަރު އަންނަ ވާހަކަ ރިޔާޒު ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު މަލާމާތް ކުރި ކަމަށެވެ.
"ވަރަށް ގިނަ މީހުން ދިޔައީ މަލާމާތް ކުރަމުން، ހަޖޫ ޖަހަމުން، ޖޯކު ޖަހަމުން. ފާޑު ފާޑަށް ރިޔާޒުގެ ފޮޓޯ ހަދާފައި ދިޔައީ ޕޯސްޓް ކުރަމުން. ބައްލަވާ އިއްޔެ ނޫން އިހަށް ދުވަހު މި ސަރުކާރުން އެއޮތީ އެކަން ހަގީގަތަކަށް ހައްދަވާ ދެއްވާފައި." އަދުރޭ ވިދާޅުވި އެވެ.
މިހާތަނަށް ދުނިޔޭގައި ތައާރަފް ކުރި އެންމެ ފުރިހަމަ ޕާސްޕޯޓު ކާޑު ރާއްޖޭގައި ތައާރަފް ކުރިކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ "އައިޑީ ކާޑު ޖަހާލީމާ މިހާރު ދިވެހި ފައިސާ އާއި ޑޮލަރު އަންނާނެ" ކަމަށެވެ.
އަދުރޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަޅަން ގެންގުޅޭ އައިނު ނުވަތަ ދޮރު ހުޅުވަން ގެންގުޅޭ ކާޑު ޖަހާލީމާ ޑޮލަރު ލިބުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.
"އެހެންވެގެން އަޅުގަނޑު މި ދަނަންވަނީ މި ސަރުކާރަކީ ދިވެހިން ހުވަފެނުން ނުދެކޭހާ ބާރު ސްޕީޑުގައި ތަރައްގީ އާއި ކުރިއެރުން ގެނެސްދެމުން ގެންދާ ސަރުކާރެކޭ." އަދުރޭ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަށް އަދުރޭ ވަނީ ލ. އަތޮޅުގެ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.