މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ބްރިޖްގެ މައި ތަނބުތަކުގެ ކޮންކްރީޓުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، " ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ "މައިތަނބު ތަކުގެ ކޮންކްރީޓްގެ މަސައްކަތް ކުރިއަށް އޮތް ދިހަ ދުވަސްތެރޭ ނިމޭނެ" ކަމަށެވެ.

މާލެ-ހުޅުމާލެ ބްރިޖަކީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮޖެކްޓެވެ.

މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުރެއެވެ. އެ ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ.