ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ މައްޗަށް ދައުވާ ކުރުމަށް ރާއްޖެ ޓީވީން ނިންމައިފިއެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ މިރޭ "ސަން" އަށް ވިދާޅުވިގޮތުގައި ޝަހީބާ ދެކޮޅަށް ދައުވާ ކުރަން ނިންމީ އަބުރު ރައްކާތެރި ކޮށްދިމުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ޖޫރިމަނާކުރުމުގެ އުސޫލު ނުހަދައި އެ ސްޓޭޝަން ޖޫރިމަނާ ކުރަމުންދާތީއެވެ.

ފިޔާޒު ވިދާޅުވީ ރާއްޖެ ޓީވީ ޖޫރިމަނާކުރުމަށް ނިންމާފައިވާ ނިންމުންތަކުގައި ސޮއިކުރައްވާފައި ވަނީ އެ ކޮމިޝަންގެ ރައީސް ޝަހީބު ކަމަށެވެ.

"ރަށެއްގެ ކައުންސިލަކުން ނިންމުމެއް ނިންމައި އެކަމުގެ ލިޔުމުގައި ކައުންސިލްގެ ރައީސް ސޮއިކުރީމަ އެ ކައުންސިލްގެ ރައީސް ތަހުގީގީ އިދާރާތަކަށް ހާޒިރުކޮށް ތަހުގީގުކޮށް ދައުވާ އެބަ އުފުލާ. އެހެންވީމަ ޖޫރިމަނާ ކުރުމުގެ އުސޫލެއް ނެތި ރާއްޖެ ޓީވީ ޖޫރިމަނާކުރުމަށް ނިންމާ ނިންމުންތަކުގައި ކޮމިޝަންގެ ރައީސް ޝަހީބު ސޮއިކުރީމަ އެ މައްސަލަ ބެލެން އެބަޖެހޭ،" ފިޔާޒު ވިދާޅުވިއެވެ.

ގާނޫނުގެ ދަށުން ހަދަންޖެހޭ އުސޫލު ނުހަދައި ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅުމުގައި ހަމަހަމަކަމެއް ނުގެންގުޅޭ ކަމަށާއި ދައުލަތުގެ މީޑިއާ ޓީވީއެމް އިން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ އަބުރާ ބެހުމުން ފިޔަވަޅު ނާޅަން ކޮމިޝަނުން ނިންމި ނިންމުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

"ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އަބުރާ ޓީވީއެމް އިން ބެހުމުން އެ މައްސަލަ ބަލާފަ އެ ކޮމިޝަނުން ނިންމީ ކިހިނަކުންތޯ. އެ ދެ ބޭފުޅުން ޓްވީޓް ކުރައްވައިފިޔޭ މައްސަލަ ޖައްސަން ބޭނުމެއް ނޫނޭ. އެހެންވެ ފިޔަވަޅު ނާޅަން ތިމަންނަމެން ނިންމައިފީމޭ. އެކަމަކު ގާނޫނަކު ނޯވޭ އެގޮތަށް ޓްވީޓް ކުރީމަ ފިޔަވަޅު ނޭޅޭނެ ކަމަށް. ގާނޫނަކު ނޯވޭ ހިތައްއެރި މައްސަލައެއް ބަލާފަ ހިތައް އެރި މައްސަލައެއް ނުބަލަން،" ފިޔާޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫންގެ ކާޓޫން ފޮޓޯތަކެއް ޗެނަލް 13 އިން ދެއްކުމަކީ އެމަނިކުފާނުގެ އަބުރަށް އަރައިގަތުން ކަމަށާއި ނަމަވެސް އެ މައްސަލާގައި އެ ސްޓޭޝަން ޖޫރިމަނާކޮށްފައިނުވާ ކަމަށް ފިޔާޒު ވިދާޅުވިއެވެ.

އެންމެފަހުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައާ ގުޅޭގޮތުން ފިޔާޒު ވިދާޅުވީ "ރައީސް ޔާމީން ވެރިކަމުން ބޭރުކުރުމަށް" ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލުމަކީ އޭނާ ރައީސް ޔާމީނަށް ފާޑުކިޔުން ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓަކީ ކޮބައިކަން ކަނޑައަޅާ އުސޫލެއް ނެތި، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ކަމަށް ކަނޑަނޭޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޝަހީބެއް ނޫނޭ ކަނޑައަޅާނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓަކީ ކޮބައިކަން. ޝަހީބު ގާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައިވާ ކަމާބެހޭ އުސޫލު ނަހަދައި ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް،" ފިޔާޒު ވިދާޅުވިއެވެ.