ދެ ޕާސްޕޯޓު ބޭނުން ކުރާ ފަރާތްތަކުން އެއް ޕާސްޕޯޓް ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަނާ ހަވާލު ކުރަން ޖެހޭ ގޮތަށް ޕާސްޕޯޓް ގަވާއިދު ހަދައި ގެޒެޓް ކޮށްފި އެވެ.

ޕާސްޕޯޓު ގަވާއިދު ގެޒެޓް ކޮށްފައިވަނީ އިއްޔެ އެވެ. ގަވާއިދުގައި ބުނެފައިވަނީ ގެޒެޓްކުރާ ތާރީހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ދެ ޕާސްޕޯޓު އޮތްނަމަ އެއް ޕާސްޕޯޓު އިމިގްރޭޝަނާ ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ދޫކުރަނީ އޯޑިނަރީ ޕާސްޕޯޓާއި، ބައެއް ފަރާތްތަކަށް އޮފިޝަލް ޕާސްޕޯޓް އަދި ބައެއް ފަރާތްތަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓެވެ.

އޭގެތެރޭން އޯޑިނަރީ ޕާސްޕޯޓަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ދޫކުރާ ޕާސްޕޯޓެކެވެ.

އޮފިޝަލް ޕާސްޕޯޓު ދޫކުރަނީ ސަރުކާރުގެ ރަސްމީ ބޭނުމަށް ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ. އެ ޕާސްޕޯޓު ދޫކުރާނީ ވަކި ބަޔަކަށެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކުރަނީ ދައުލަތުގެ އެންމެ މަތީ އިމްތިޔާޒު ލިބިގެންވާ ފަރާތްތަށް ރާއްޖޭން ބޭރަށް ދަތުރުކުރުމަށެވެ.

ގަވާއިދު ބުނާގޮތުން އޮފިޝަލް ދަތުރު ތަކުގައި ދާ ފަރާތްތަކުން އޮފިޝަލް ޕާސްޕޯޓުގައި ދާނަމަ އޯޑިނަރީ ޕާސްޕޯޓު އިމިގްރޭޝަނާ ހަވާލުކުރަން ޖެހޭނެ އެވެ. އަދި އަމިއްލަ ދަތުރެއްގައި ދާން ބޭނުން ނަމަ އޮފިޝަލް ޕާސްޕޯޓު ހަވާލު ކުރުމުން އޯޑިނަރީ ޕާސްޕޯޓު ދޫކުރާގޮތަށް ގަވާއިދު ވަނީ އެކުލަވާލާފަ އެވެ.

އެއްވެސް ފަރާތަކަށް އެއްފަހަރާ ދެ ޕާސްޕޯޓު ނުގެންގުޅެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.