"އިބުނު ބިތޯތާ" ލިއެފައި އޮތްކަމަށް ލަފާކުރެވިދާނެއެވެ؛ އަހަރެން ދުނިޔޭގެ އެކިހިސާބުގައި ދަތުރުކޮށް ވަރަށްގިނަ ތަފާތު ގައުމުތަކާއި ރާއްޖެތަކުގެ ވަނަވަރުބަލައި ހޯދާ އެކަންކަމާމެދު ވިސްނާ ފިކުރުކޮށްހެދީމެވެ. އެކި ރަށްރަށުންފެނުނު އެކި ވަކި ތަފާތުކަންކަމާއި ދޭތެރޭ ހައިރާންވެ އަންތަރީސްވެވި ތަލިންކުޅުހިކޭ ވަރުވެސް ވެފައި އެބަހުއްޓެވެ. އެފާޑުގެ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ވެރިންގެރާއްޖޭން ފެނުނު އާދައާއިތަފާތު އާދަކާދައާއި އެމީހުންގެބައެއް އުސޫލުތަކެވެ.

އަހަރެން އެރާއްޖެގޮސް ހުރީ އެރާއްޖޭރަސްގެފާނުގެ މެހެމާނެއްގެ ގޮތުގައި އެރަސްގެފާނު ގެ ގަނޑުވަރުގައެވެ. ހައެއްކަމަސްދުވަހުން އަހަންނަށް އެމީހުންނާއި ވަރަށްއެކުވެރިވެވި އެރާއްޖޭގެ ޅަ އަންހެންކުއްޖަކާ ކައިވެނިކުރުމުގެ ފުރުސަތުވެސް ލިބިއްޖެއެވެ. ރަސްގެފާނު އަހަންނަށް ކަމޭހިއްތަވާ ވަރުން އެރަށުގެ އެހެންއެއްމެން ވެސް އަހަންނަށް ވަރަށްހެއޮކޮށް ހިތައެވެ. ވުމާއިއެކު އަހަރެންނަށް އެއްވެސް ކަމެއް ދައްޗެއްނުވެއެވެ. ވަންނަންބޭނުންވާ ހުރިހާތާކަށް ވަދެވެއެވެ. ބަލަންބޭނުންވާ ހުރިހާ ތަނަކާއި އެއްޗެއް ބަލާހެދުމުގެ ފުރިހަމަ މިނިވަންކަން އޮންނަނީ ލިބިފައެވެ. ވެރިކަމުގެ ފަރާތުންނާއި ވެރިންގެ ފަރާތުން އޮންނަނީ ހުއްދަ ދީފައެވެ.

އެރާއްޖޭގެ ނަމުގައި އަހަންނަށް އަޅައިގަނެވުނީ އެއްދުވަހަކު އަހަރެންއަންހެނުން ބުނި ވާހަކައަކާ ގުޅިގެންނެވެ. އެދުވަހު މަސައްކަތްތައް ނިންމާލާފައި އައިސް ގެއަށްވަދެ ފެންވަރާލާނަމޭ ހިތާ ގިފިލި ތައްޔާރުކޮށްލަން އަހަރެން އޭނަގާތު ބުނީމެވެ. ހީލާފައި އަންހެނުން ބުނެލީ ވަރަށް ވަރުބަލި ކަމަށާއި އޭނާއެކަމަށް އުޒުރުވެރިވާ ކަމުގައެވެ. ކީއްވެގެންތޯ ބަލީތޯ އަހާލުމުން އޭނާބުނީ " އޭނާއަކީ ޙައިޟުވެރިއެއް" ކަމުގައެވެ. އެކަމާއިގުޅިގެން ލޭމަދުވެ ވަރުބަލިވުމަކީ އޭނާއަށް ކޮންމެފަހަރަކު ވެސް ވާގޮތެއްކަމުގައި ބުނެ އިތުރަށް އޮޅުން ފިލުވައިދިނެވެ. އެވަގުތު އެދެކެވުނު ވާހަކަތަކުގައި "ވެރިއެއް" ދެފަހަރަކު ބޭނުންކުރުމާއި އެރާއްޖޭގެ ނަމަކީވެސް ވެރިންގެރާއްޖެ ކަމުގައި ވާތީ އަހަރެން އެކަން އޮޅުންފިލުވާހިތް ވީއެވެ.

އެރަށުގެ ކަމުވޮށިމުސްކުޅި އަކާ ބައްދަލުކޮށް އެވާހަކަ އަހާލީމެވެ. އެބޭބެ ފިސާރިގަޔާވެގެން އިނދެ އެސުވާލުގެ ޖަވާބުދިނެވެ. އަޑުއަހަން އިނދެފައި އަހަންނަށް ހަމަބާރަށް ހީ ގަނެވުނެވެ. އަދި ވެރިންގެރާއްޖެ
އޭ ކިއަނީ ހަމަ ރަނގަޅަށް ކަމުގައި ގަބޫލުކުރީމެވެ. ދެގަޑިއެއްހާއިރު ވަންދެން އެބޭބެ ކިއާދިން ވާހަކަތަކުން މިހާރު ހަނދާންހުރި ބައި ލިއެލެވޭތޯ ބަލާނަމެވެ.

އެބޭބެ ބުނެދިނެވެ. މިރާއްޖޭގައި ވެރިއަކަށްނުވާ ހަމަ އެކަކުވެސް ނުއުޅޭނެއެވެ. އެންމެ ފުރަތަމަ ވަކި ވަކި މަސައްކަތްތައް ކުރާ މީހުންނަށް ބަލައިލަމާ ހިނގާށެވެ. ކިތަންމެ ނިކަމެތި ދެރަ ފަގީރު މީހަކަސް ނުވަތަ ހަށިގަނޑުން ބޮޑުބިޔަ ވަރުގަދަ އަދި ފައިސާހުރި މޮޅުމީހަކަށް ވެރިއަކަށްވުމުގައި ތަފާތެއް ނޯވެއެވެ.

ދަނގަޑު ގަނޑެއް ދޮންކޮށްފައި ކިރުނެއްގެ މަތީގައި ބާއްވާ މަރުތޭލައަކުން ޖަހާލައިފިއްޔާ އެމީހަކަށް ކަނބުރުވެރިއެއް ގެ ނަންދެވެއެވެ. މަސްދޯންޏަކަށް ދުވަހަކު ނޭރިއަސް އެއްގަމުގައި ހުރެ މޫދަށް ކަންވާރުފަށެއްގައި ބުޅިއެއްލާފައި އެއްލައިގެންހުއްޓަސް މަސްވެރިއެއް ކަމުގައި ވެވިދާނެއެވެ. ދެމީހަކު ގާތު ދީނާއި ބެހޭގޮތުން ދެފަހަރަކު ވާހަކައެއް ދައްކާލުމުން އިލްމުވެރިއެއް ކަމުގައި ބަލައިގަނެވެއެވެ. ކުޑަކުއްޖަކު ގޮވައިގެން މަދަރުސާ ދޮށަށް އެއްމެ ފަހަރަކު ގޮސްގެން ބެލެނިވެރިއެއް ގެ ނަންލިބިދާނެއެވެ. މިގޮތަށް މާގިނަ ތަފުސީލު ތަކެއް އެބޭބެ ހަނދާނެއް ނެތޭ ބުންޏެވެ. އެކަމަކު އެރާއްޖޭގައި ކުރިން އުޅުނު ވެރިންގެ ނަންތަކެއް ކިއާދިނެވެ. އިރުތަވެރިން، ކާރުދަވެރިން، ކަންވެރިން، ބެހެނިވެރިން، އަވަށުވެރިން، ރަށްވެރިން، ބިންވެރިން، ތިލޭރުވެރިން، ފާރަވެރިން، ގާރީވެރިން، ގޮއެވެރިން، ފަރުވެރިން، ބެރުވެރިން، ދުންމާރިވެރިން، ދާރަވެރިން، ބޭސްވެރިން، އަޅުވެރިން، ރާވެރިން، މިއީ އެހެންކުއްލިއަކަށް ކިއާލަދެވޭނެ ނަންތަކޭ ބުންޏެވެ. ފަޚުރުވެރިން، ޝަރަފުވެރިން ވެސް ވަރަށް ގިނައިން އޭރު އުޅުނު ކަމުގައި ބުނެފައި މިހާރު އެބައި މިދަނީ މަދުވަމުން ނޭ ބުންޏެވެ. މަދުމަދުން މިހާރުވެސް އުޅޭކަމުގައި ކިއާދިނީ ފަންޑިތަވެރިން، ސިހުރުވެރިން، ފައިސާވެރިން، އަދި ފަޅުވެރިން، އޮޑިވެރިން، ތެދުވެރިން، ދަނޑުވެރިން، ވާރުތަވެރިން، ލަދުވެރިން، ރޯދަވެރިން، ހައްޖުވެރިން، ހަސަދަވެރިން، އެކުވެރިން، ދެކޮޅުވެރިން، ގެ ވާހަކައެވެ.

އަހަރެން އަހާލީމެވެ. ވެރިންގެރާއްޖެ އޭ މިކިއަނީ ހަމަކިއަންވެގެން ދޯއެވެ. މިހެންބުނެ ރަނގަޅަށް ނުނިމެނީސް އެބޭބެ ހީލާފައި އަދި އިތުރު ތަފުސީލު ދޭން ފެށިއެވެ. ފިސާރި ގަޔާވެލާފައި ބުނެލީ މިރާއްޖޭގައި ބޮޑުވެ ފުރާވަރުވެފައި ހަމައެކަކުވެސް ވެރިއެއްނޫނީ ނުހުންނާނެ ކަމަށެވެ. ހައިރާންވެފައި އެއީ ކިހިނެއްތޯ އަހާ ލެވުނީ އަޖައިބު ވެވިގެނެވެ. އެސުވާލުގެ ޖަވާބު ދިނުމުގެ ކުރީގައި އެބޭބެ އަނެއްކާވެސް ވާހަކަފެށިއެވެ. މިހާރު މިރާއްޖެއަށް ބޭރުން އަންނަ މީހުންނަށް ވެސް އެގެންދަނީ ވެރިކަން ދެމުންނެވެ. އެކަހަލަ މީހުންނަށް ވަކިން އާ ވެރިކަމެއް އެ ދެނީ އެވެ. ފަތުރުވެރިއެއް ކަމެވެ. އެހެންބުނެފައި ކުޑައިކޮށް އިސް އުފުލާލާ މަތިހަށި ނަގަމުން ދެން އަހަރެންގެ ސުވާލަށް ޖަވާބު ދޭން ފެށިއެވެ. " އެވާގޮތަކީ ކޮންމެ އަންހެނަކަށް ޙައިޟުވެރިކަން ދޭންޖެހޭ ކަމާއި ކައިވަނިކޮށް ނުކެރި އިނދެ ވިހައިފިނަމަ ނިފާސްވެރިކަން ވެސް ދޭން ފާޑަކަށް މަޖުބޫރު ވާތީ ދެނީ " އޭ ބުންޏެވެ. އަދި މިރާއްޖޭގައި އަންހެނުންނާއި ފިރިހެނުން ވެސް ވެރިއަކަށް ވާން ބޭނުންވާތީ ބޮޑުވުމަށް ފަހު ދެންތިބޭނީ އަންހެންވެރިންނާއި ފިރިހެންވެރިންނޭ އެމީހުންއަމިއްލައަށް ވެސް ކިއާނެ ކަމުގައި ބުންޏެވެ. އަދި އެކަކަށް ގިނަ ވެރިކަން ލިބުމަކީ ނުވަތަ ހަވާލުކުރުމަކީ އަންޒަމާނުއްސުރެ މިރާއްޖޭގެ އާދައެކޭ ބުނެފައި އެބޭބެ އޭނާއަށް ލިބިފައި ހުރި ވެރިކަންތަކުގެ ލިސްޓެއް ކިއާލިއެވެ.

"އަހަންނަކީ ވެސް ވަރަށް ގިނަ ވެރިކަން ކޮށް، މިހާރު މިއުމުރުގައި ވެސް ބައެއް ވެރިކަންކުރާ މީހެއް. އޭރު ރުއްއެރިން، ރާވެރިއެއް. މަހަށްގޮސް އުޅުނިން، މަސްވެރިއެއް. ކަނބުރުގޭގައި ވެސް ކުދި ކުދި ބައެއްމަސައްކަތް ކުރިން، ކަނބުރުވެރިއެއް. މަހަށްދިއައިން ދޯނީގައި، ފަޅުވެރިއެއް. ކުޑައިކޮށް އިސްތިރި ފަންޑިތަ ހަދާލައިއުޅުނިން، ފަންޑިތަވެރިއެއް. މަގޭ ބޮޑުބޭ ގެ ވާރުތަމުދަލުން މަށަށް ބައިލިބުނު، ވާރުތަވެރިއެއް. މަ އިނދެގެން މިއުޅޭ މަރިޔަން ކުރިން އިންމީހާ އާއި މަށާވަރަށް ގުޖަޑު ޖެހުނު، އެހެންވީމާ ހަސަދަވެރިއެއް. ދެކޮޅުވެރިއެއް. ބޮޑުބޭގެ މަސްދޯނި ލިބުނީ މަށަށް، އޮޑިވެރިއެއް. ދެން ވަރަށްގިނަމީހުންނާ މަށާ ގުޅުން އޮންނާނެ، އެކުވެރިއެއް. ދެން މިހެންގޮސް އޭރު ވަރަށް ގިނަ ވެރިކަން ލިބިފައޮތީ މަށަށްވެސް." އެބޭބެ މިހެންބުނީމާ މިހާރު ބޭބެއަށް އެއްވެސް ވެރިކަމެއް ނެތީތޯ އަހާލީމެވެ. އެއީ ހަމަ އެބޭބެ ބުނަނީ ކީކޭތޯ ބަލައިލަންވެގެން ނެވެ.

"ނާ! ކުޑަކުދިންފިއަވައި ސަލާމަތުން ހުންނަ ކޮންމެ އިންސާނަކަށް ވެސް އެއްމެ އާއްމުކޮށް ލިބޭ ވެރިކަން އަދި މަށަށްވެސް އެބަލިބޭ. " އަހަރެން ނިތްއަރުވާލާފައި ނޭނގުނު ކަމުގެ އިޝާރާތް ބޮލުން ކޮށްލީ ހަގީގަތުގައި ވެސް ހަމަ ނޭނގިގެންނެވެ. އެބޭބެ ހީގެންފައި ބުންޏެވެ. އެއީ ފެންވެރުމާއި ގުޅިގެން ލިބި ބީވާ ވެރިކަމެވެ.

ނޯޓް: މިލިޔުން ފެށި ހިސާބުގައި "އިބުނު ބިތޯތާ" އޭ ލިޔެފައި ވަނީ މަޝްހޫރު ދަތުރުވެރިޔާ އިބުނު ބަތޫތާއަށް ނިސްބަތްކޮށެއް ނޫނެވެ. މިއީ ސަމާސާ އަދަބުގ ހިޔާލީ ލިޔުމެކެވެ.