އިންޑިއާގައި ޑެންޓިސްޓްގެ ގޮތުގައި މަސައްކަތްކުރި ދެމަފިރިން އެމީހުންގެ ދަރިފުޅާއި ގޭގައި ގެންގުޅުނު ނޯކަރު މަރާލިކަމަށް ސާބިތުވާ ކަމަށް އެ ގައުމުގެ ދަށު ކޯޓަކުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ދެ ޑެންޓިސްޓުން ކަމަށްވާ ރާޖޭޝް އަދި ނޫޕޫރު ތަލްވާރުގެ ދަރިފުޅު އަރުޝީގެ ކަރުބުރިކޮށްލައި މަރައިލައިފައިވަނިކޮށް 2008 ވަނަ އަހަރު ފެނުނީ އެ ދެމަފިރިން ނިއުދިއްލީގައި އުޅޭ ގެއިންނެެވެ. ހަމަ އޭގެ އެއްދުވަސް ފަހުން އެގޭގައި ގެންގުޅުނު ނޯކަރު މަރާލައިފައި އޮއްވައި އެގޭ ފުރާޅުމަތިން ވަނީ ފެނިފައެވެ.

އިންޑިއާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ދެމަފިރިން ދަރިފުޅު އަރުޝީއާއި ގޭގައި ގެންގުޅުނު ނޯކަރު މަރާލީ އެ ދެ މީހުން ބަދުއަޚްލާގީ އަމަލުހިންގާ މަންޒަރު ފެނިގެން އައި ރުޅީގައެވެ. ދަށު ކޯޓުން ހުކުމް ކުރީ އެ ދެމަފިރިން އުމުރަށް ޖަލަށްލުމަށެވެ.

އެ ދެމަފިރިންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްވި ހުކުމްގައި ވަނީ އެ ދެ މީހުން މަރާލިކަން ސާބިތުވާވަރުގެ ކާފީ ހެކި ލިބިފައިނުވާ ކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ދެމަފިރިން އައީ ދަރިފުޅާއި ނޯކަރު މަރާލި ކަމަށް އިންކާރުކުރަމުންނެވެ. މީޑިއާ އިން އެ މައްސަލަ ކަވަރުކުރިގޮތުންނާއި "ގޯސްކޮށް" ތަހުގީގު ހިންގުމުގެ ސަބަބުން ދިފާއުގައި އެކަށީގެންވާ ހެކި ނުދެއްކުނު ކަމަށް އެ ދެމަފިރިން ވަނީ ބުނެފައެވެ.

މަރާލި ދެމީހުންގެ ވާހަކަތައް އިންޑިއާގެ މީޑިއާތަކުން ވަނީ ވަރަށް ތަފްސީލުކޮށް ކަވަރުކޮށްފައެވެ. އަދި އެމަރު އަސްލަކަށް ބަލައިގެން "ތަލްވާރު" ގެ ނަމުގައި އިންޑިއާއިން ވަނީ ފިލްމެއް ވެސް ހަދައިފައެވެ.