13 Oct 2017, 19:45
އދ. އިން މިޔަންމާ އަށް ކަނޑައަޅައިފައި ހުންނަ އެންމެ އިސް އޮފިޝަލު ރެނާޓާ ލޮކް ޑެސަލިއަން ނިއުޔޯކުގައި ހުންނަ އދ. ގެ ހެޑްކުއާޓަރަށް އަނބުރާ ގެންނާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފިއެވެ.
އދ. ގައި 30 އަހަރު ހޭދަކޮށްފައިވާ ރެނޭޓާ ރޮހިންގާ މުސްލިމުންގެ މައްސަލައަށް އިސްކަން ދިނުމަށްވުރެ މިޔަންމާގެ ސަރުކާރާ ގުޅުން ބަދަހި ކުރުމަށް އިސްކަންދޭކަމުގެ ތުހުމަތު އެކި ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމުންނާދެކޮޅަށް ފެށި ވަރަގަދަ އޮޕަރޭޝަނަށް ފަހު ރޮހިންގާގެ ފަސް ލައްކަ އަށްވުރެ ގިނަ މީހުން ވަނީ އެ ގައުމު ދޫކޮށް ބަންގުލަދޭޝަށް އެތެރެވެފައެވެ.
އދ. އިން ހާމަކުރި ގޮތުގައި ރޮނޭޓާ މިމަހު އަނބުރާ ނިއުޔޯކަށް ގެނެއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެ ކަމަނާ އެހެން ވަޒީފާއަކަށް ބަދަލުކުރަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރާތީނޫން ކަމަށް އދ. އިން ބުންޏެވެ.
އދ. ގެ ސެކްރެޓަރީ ޖެެނެރަލް މީގެ ދެ ހަފުތާ ކުރިން ވަނީ ރޮނޭޓާ އާ މެދު ފުރިހަމައަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ.
ރޮނޭޓާ މިއަހަރު ކުރީކޮޅު އޮތީ މިޔަންމާ ދޫކޮށް ދާ ގޮތަށެވެ. ނަމަވެސް މިޔަންމާ ސަރުކާރުން އޭނާގެ ބަދަލުގައި އައްޔަންކުރި އާ މަންދޫބު ގަބޫލުނުކުރުމުން ރޮނޭޓާ ވަނީ މިޔަންމާގައި މަޑުކޮށްފައެވެ.
ބީބީސީ އިން ބުނީ ރޮނޭޓާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރާ ކަމަށާއި އަދި މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހަމަލާދިން ސަރަހައްދުތަަކަށް އދ. ގެ ހިއުމަންރައިޓްސް އޮފިޝަލުން ފޮނުވުމަށް ވެސް ހުރަސްއަޅާފައިވާ ކަމަށެވެ.