ތަރައްގީގެ މަޝްރޫތައް ހިންގާއިރު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތައް ހިމަނައިގެން ފަސް އަހަރުގެ ގައުމީ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ ޕްލޭނަކީ "ކާރިސާ ހިރާސް ކުރުމުގެ އަސާސްތައް ހިމަނައިގެން އެކުލަވާލެވޭ ޕްލޭނެއް" ކަމަށެވެ.

"ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރަމަށް ތަރައްގީގެ މަޝްރޫއުތަކުގައި ކާރިސީ ހިރާސް ކުޑަކުރުމުގެ އަސާސްތައް ހިމަނައިގެން ކާރިސާގެ ކަންކަން ދެމެހެއްޓުމުގެ ފަސް އަހަރުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކާރިސާތަކުން ސަލާމަތްވުމަށް ހޯދި އުޅަނދުތައް ވަރަށް އަވަހަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައި ހުރި ސިފައިންގެ މަރުކަޒުތަކަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ އުޅަނދުތައް ހޯދާފައިވަނީ ޖަޕާނު ސަރުކާރުގެ އެހީގަ ކަމަށެވެ. އެ އުޅަނދުތަކުގެ ސަބަބުން ކާރިސާތަކަށް އިޖާބަ ދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ހަލުއިވެ، އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކާރިސާތަކުން ގޯތިގެދޮރަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްފައިވާ ކަމަށެވެ.

"ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ގޯތިގެދޮރުގެ ހިމާޔަތާއި ރައްކާތެރިކަން އިތުރުކޮށް ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅުތައް ދުރާލައި އެޅުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި އަތޮޅު ފެންވަރުގައި މަސައްކަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އުފައްދާ ފުރަތަމަ މަރުކަޒު ފ. ނިލަންދޫގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫއަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ޔުނިސެފާއި ފ. ނިލަންދޫ ކައުންސިލާއި ފ. އަތޮޅު ކައުންސިލު ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.