13 Oct 2017, 17:07
ލ. ފޮނަދޫ(13 އޮކްޓޯބަރ 2017) - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ހައްދުންމަތި ޓްރާންސްޕޯޓް ލިންކް" (އެޗްޓީއެލް)ގެ ނަމުގައި، ހައްދުންމަތީ ލިންކް ރޯޑް ބަސްދަތުރުތައް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ލ. ފޮނަދޫ ސްކޫލްގައި މިއަދު އެމްޕީއެލްއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި،"ހައްދުންމަތި ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް އިފްތިތާހްކޮށް ދެއްވީ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދުގެ އިތުރުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި، ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ފޮނަދޫ ކައުންސިލާއި، އެމްޕީއެލް، އަދި އިކޮނޮމިކް މިނިސްޓްރީގެ އިސް ފަރާތްތަކާއި ފޮނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ހައްދުންމަތި ޓްރާންސްޕޯޓް ލިންކް" (އެޗްޓީއެލް)ގެ ދަތުރުތައް ކުރިއަށްދާނެ ލ
ގާތްގަނޑަކަށް 17 ކިލޯމީޓަރު ހުންނަ ލިންރޯޑުގައި ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ފުރަތަމަ ބޭނުންކުރާނީ ހަތަރު ބަހެވެ. އެއީ 50 ފަސިންޖަރުންގެ ޖާގައިގެ 2 ބަހާއި 30 ފަސިންޖަރުންގެ ޖާގައިގެ 2 ބަހެވެ. މި ހަތަރު ބަހަކީވެސް އޭސީކޮށްފައި ހުންނަ، ފެންވަރު ރަގަނގަޅު ބަސްތަކެވެ.
އެޗްޓީއެލް ދަތުރުތަށް ހަމަޖެހިފައިވާ ގޮތުން، ފޮނަދޫ ހަތަރު ސަރަހައްދަކަށް (ކުރިމަގު، ބީއެމްއެލް ހާބަރ، ނާއިރާ ވޯކްޝޮޕް އަދި އާމިސްކިތްމަގު)، ކައްދޫ (އެއާޕޯޓް)، މާންދޫ (ފިޝަރީޒް ކޮމްޕްލެކްސް)، ގަމުގެ ހަ ސަރަހައްދެއް (މުކުރިމަގު އެކުވެނި، މަތިމަރަދޫ ސްކޫލް، ހޮސްޕިޓަލް، ތުނޑީ ނޫފަރު، ވުނަދާނަ ހިނގުން އަދި ތުޑީ ހާބަރު)، ބަސް ދަތުރުތައް ކުރާނެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ، ހެނދުނު 6:45ގައި ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، އެޗްޓީއެލް ޚިދުމަތާއެކު ހައްދުންމަތީގައި އެމްޕީއެލްގެ ފައި ހަރުކޮށްލުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން އެ ކުންފުނިން ދޭކަމަށެވެ. އަދި ދެ އަހަރުން ދަށުގެ ކުޑަކުދީންނާއި 65 އަހަރުން މަތީގެ މީހުންނަށް ބަސްދަތުރުގެ ޚިދުމަތް ހިލޭ ލިބޭނޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

ލ. ލިންކު ރޯޑުގައި ބަހުގެ ޚިދުމަތް ތައާރަފްކުރުން --- ސަން ފޮޓޯ: އަހްމަދު މުޖުތަބާ
ހައްދުންމަތީގައި ބަސްދަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން މަސްދުވަހުގެ ތެރޭގައި ޚިދުމަތް ފަށާނޭ ކަމަށް އޭރު އެމްޕީއެލްއިން ވަނީ އެއްބަސް ވެފައެވެ.
"އަޅުގަނޑުމެން ދެންނެވިން މަސް ދުވަސްތެރޭ ފަށާނޭ ކަމަށް. އެކަމަކު 25 ދުވަސް ތެރޭގައި ޚިދުމަތް ފެށިގެން މިދަނީ،" ސީއީއޯ ޚަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، އެމްޕީއެލްއަކީ ހަމައެކަނި، ކޮމާޝަލް ޕޯޓެއްގެ ޚިދުމަތް ދޭ ތަނެއް ނޫންކަމަށާއި މިއަދި އެ ކުންފުނިން ދަނީ ރައްޔިތުންނާ ގުޅުންހުރި ތަފާތު ދާއިރާތަކަށް ޚިދުމަތް ފުޅާކުރަމުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިދަނީ އައްޑޫ އަދި ފޯއްމުލަކުގައި ވެސް ކާމިޔާބުކަމާއެކު ބަސްދަތުރުގެ ޚިދުމަތް ދެމުން އަދި މި ދެ ރަށުގެ ދެމެދުގައި ފެރީގެ ޚިދުމަތް ވެސް ދެމުން.
"މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާނެ. އެހެން ނޫނީ މިކަން ވެގެންދާނީ ވަރަށް ބޮޑު ޗެލެންޖަކަށް."
މީގެ ކުރީން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ތުޑިން ފެށިގެން ފޮނަދުއާހަމަށް އެއްގަމު މަގުން (ޓެކްސީ) ފަދަ އުޅަނދެއްގައި ދަތުރުކުރާ ނަމަ، ގާތްގަނޑަކަށް 200 ރުފިޔާ ނުވަތަ އެއަށްވުރު ބޮޑު އަދަދެއް ހޭދަކުރަން ޖެހެއެވެ. އެހެން ނަމަވެސް އެމްޕީއެލްގެ ބަސްދަތުރުގެ ޚިދުމަތާއެކު އޭސީ ބަހުގައި، ގާތްގަނޑަކަށް 10 ރުފިޔާއާ 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި މި ދަތުރުތައް ކުރެވޭނޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

ލ. ލިންކު ރޯޑުގައި ބަހުގެ ޚިދުމަތް ތައާރަފްކުރުން --- ސަން ފޮޓޯ: އަހްމަދު މުޖުތަބާ
ހަލީމް ވިދާޅުވީ، އެމްޕީއެލް ހައްދުންމަތީ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް މާދަމާ ހެނދުނު ފެށިގެން ދާއިރު، އޮކްޓޫބަރު 20 ވަނަ ދުވަހާ ހަމައަށް އެ ޚިދުމަތް ދެމުން ދާނީ މުޅިން ހިލޭ ކަމަށެވެ.
"މާދަމައިން ފެށިގެން މިމަހު 20 ވަނަ ދުވަހާ ހަމައަށް ތިޔަ ބޭފުޅުންނަށް މި ދަތުރުތައް ހަމަ މުޅިން ހިލޭ. ބޭނުން ވަރަކަށް ތަޖްރިބާކޮށްލުމަށް ދަތުރު ކުރަންވީ،" އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، މި ހުޅުވާލެވެނީ ރައްޔިތުންނަށް ފަހި ދޮރޯއްޓެއް ކަމަށާއި މިއީ ވިޔަފާރިއާ އިގްތިޞާދީ ކަންކަމުގައި ވެސް ފަސޭހަތަކެއް ލިބިގެން ދާނެ ފަހި ޚިދުމަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ފޮނަދޫން ފެށިގެން އިސްދުއާ ހަމައަށް ވެސް ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އެމްޕީއެލްއިން ވިސްނާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޕީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތް ވަރަށް ފުރިހަމަށް ނިންމާލައިފި ކަމަށާއި މިއީ އެކުންފުނިން ދެއްކި ނަމޫނާ މަސައްކަތެއް ކަމަށެވެ.
ސައީދު ވިދާޅުވީ، ލ. ލިންކުގައި މިއަދު ފެށިގެން ދާ ބަސްދަތުރުގެ ޚިދުމަތަކީ، މުޅި ރާއްޖޭގައި ވެސް ދެވޭ މިފަދަ އެންމެ ފެންވަރު ރަނގަޅު ޚިދުމަތަށް ވެގެންދާނޭ ކަމަށެވެ. އަދި މީގެ ސަބަބުން މިހާރު ވެސް އިތުރު ވަޒީފާތައް އުފެދިވައިވާ ކަމަށާއި ކުރިއަށް އޮތްތާނގައި އިތުރު ފުރުސަތުތައް ވެސް ހުޅުވިގެން ދާނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދިގުމިނުގައި ގާތް ގަނޑަކަށް 4 ކިލޯމީޓަރު ހުންނަ ފޮނަދޫގެ އާބާދީގައި 2000އަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު، 7.8 ކިލޯމީޓަރުގެ ދިގުމިން ހުންނަ ގަމުގައި 3000އަށް ވުރެ ބޮޑު އާބާދީއެއް އޮވެއެވެ. މީގެ އިތުރުން ފޮނަދުއާ ގަމާ ދެމެދު އޮންނަ ކައްދުއާއި މާންދޫ ހިމެނޭ ގޮތަށް މި ސަރަހައްދުގައި ގާތްގަނޑަކަށް ޖުމުލަ 8000 މީހުންގެ އާބާދީއެއް ދިރިއުޅެއެވެ.
ބަސްދަތުރުގެ އަގުތައް:
- ފޮނަދޫން ގަމަށް 25 ރުފިޔާ
- ފޮނަދޫން، ކައްދޫ/މާންދޫއަށް 15 ރުފިޔާ
- ގަމުން، ކައްދޫ/މާންދޫ އަށް 20 ރުފިޔާ
- އެހެނިހެން ސެކްޓަރު 10 ރުފިޔާ
- ލަގެޖް 5 ރުފިޔާ