13 Oct 2017, 15:30
ކުރިއަށް އޮތް 2018 ވަނަ އަހަރަކީ އެމްޓީސީސީއަށް އިންގިލާބެއް ގެންނާނެ އަހަރެއް ކަމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ އެޗްއާރް ނައިޓްގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް އެކުންފުނީގެ ބޯޓް ޔާޑް ހުޅުވި، ބިން ހިއްކުމަށް ޑްރެޖަރު ގެނެވޭނެ ކަމަށެވެ. ބޯޓް ޔާޑްގެ މަސައްކަތަކީ އެކުންފުންޏަށް އާ މަސައްކަތަކަށް ވާއިރު މީގެ ސަބަބުން ކުންފުންޏަށް ރަނގަޅު ރިޓާން އެއް ލިބޭނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޓީސީސީގެ ޑްރެޖަރު "މަހާ ޖައްރާފު" މިމަހުގެ ތެރޭ ރާއްޖެ އައުމުގެ ކުރިން އެކަމަށްޓަކާ ކުންފުނިން ތައްޔާރީތަކެއް ވާން ޖެހޭ ކަން ފާހަގަ ކުރައްވައި ސީއީއޯ ޒިޔަތު ވިދާޅުވީ، މި ދެ މަޝްރޫއަށްވެސް މުވައްޒަފުން ތައްޔާރުކުރަން ޖެހޭ ކަމަށެވެ. މިއާއެކު މިއީ ކުންފުންޏަށް ބޮޑު އިންގިލާބެއް ގެންނާނެ ދެ މަޝްރޫއުކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.
އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، ސްކޮލާޝިޕް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މިރަސްމިއްޔާތުގައި 10 މުވައްޒަފަކަށް ވަނީ ސްކޮލާޝިޕް ދީފައި -- ސަން ފޮޓޯ: މުހައްމަދު އަފްރާހު
މީގެ އިތުރުން އެމްޓިސީސީގެ ހިއްސާ ދާރުންނަށް ކުންފުނީގެ ހިއްސާ ގަތުމަށް ހުޅުވަލާފައިވާ ފުރުސަތަށް އިޝާރާތް ކުރައްވައި ޒިޔަތު ވިދާޅުވީ، މިކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ކުންފުނީގެ ހިއްސާ ދާރުންނަށް ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ފާއިތުވި ދެތިން އަހަރު ތެރޭ އެމްޓީސީސީއަށް ވަނީ ކުރިއެރުންތަކެއް އައިސްފަ، ކުންފުނީގެ ސޭލްސްގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވޭ،" ކުންފުންޏަށް ލިބިފައިވާ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަން ފާހަގަކުރައްވަމުން ޒިޔަތު ވިދާޅުވިއެވެ.
"ކޮންމެ އަހަރަކުވެސް މުވައްޒަފުންގެ ކުރިއެރުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތްތަކެއް ކުރަމުން، ހަގީގަތުގައި މިއީ ކުރެވޭ އިންވެސްޓްމެންޓެއް، މީގެ ބަދަލު މުވައްޒަފުންގެ ފަރާތުން އަންނަނީ ފެންނަމުން."
ރޭ ބޭއްވި އެމްޓީސީސީގެ އެޗްއާރް އެވޯޑް ހަފްލާގައި 10 މުވައްޒަފަކަށް ވަނީ ސްކޮލާޝިޕް ދީފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޒިޔަތު ވިދާޅުވީ މުވައްޒަފުންނަށްޓަކައި ކުންފުނީގެ ހިއުމަތް ރިސޯސަސް ޑިޕާޓްމެންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މުވައްޒަފުން ވަޒީފާގައި ދެމި ތިއްބުމަށް އެޗްއާރުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި ޒިޔަތު ވިދާޅުވީ، އޭގެ ނަތީޖާވެސް ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން އެމްޓީސީސީއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާ މުވައްޒަފުންގެ އަދަދު ގިނަކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.
"ކުންފުނީގައި އުޅެނީ ކުންފުނި ދެކެ ލޯބިވާ މުވައްޒަފުން، މިއީ ލިބިފައިވާ ވަރަށް ބޮޑު އިންވެސްޓްމެންޓެއް" ޒިޔަތު ވިދާޅުވިއެވެ.