މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދިހަ މުވައްޒަފަކަށް ސްކޮލިޕް ދީފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އެމްޓީސީސީގެ އެޗްއާރް އެވޯޑް ރަސްމިއްޔާތުގައި 10 މުވައްޒަފުންނާ ސްކޮލާޝިޕް ހަވާލުކޮށްދެއްވީ އެކުންފުނީގެ އިސްވެރިންނެވެ.

އެމްޓީސީސީ އިން އަންނަނީ 2000 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ގާބިލްކަން އިތުރުކުރުމަށް ކުންފުނީގެ މުވައްޒަފުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 50 އަށް ވުރެ ގިނަ މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތު އެކުންފުނިން ވަނީ ފަހިކޮށްދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި ފަސް ކެޓަގަރީއަކުން 10 ސްކޮލާޝިޕް ދީފައިވެއެވެ. އެއީ ޕޭލީވް އަދި ކޯސް ލީވް ފަންޑިންގ އާއެކު ހަ ސްކޮލާޝިޕް އާއި ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ، ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް ހަތަރު ސްކޮލާޝިޕެކެވެ.

އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، ސްކޮލާޝިޕް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެޗްއާރް ޖީއެމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / މުހައްމަދު އަފްރާހު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ހިއުމަން ރިސޯސަސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ ފާއިތުވި 16 އަހަރު ތެރޭ 50 އަށް ވުރެ ގިނަ މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފަކަށް ޕޭ ލީވް އާއެކު ރާޢްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތު ހާސިލް ކުރުމަށް ފުރުސަތު ދެވޭ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، ސްކޮލާޝިޕް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމަށްފަހު ރިޓަޔަރ ކުރެއްވި ފަރާތަށް ހަނދާނީ ފިލާ އަރުވަނީ -- ސަން ފޮޓޯ / މުހައްމަދު އަފްރާހު

އެމްޓީސީސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީދައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށ ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ. އެގޮތުން 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރި 18 މުވައްޒަފަކަށާއި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރި ހަތަރު މުވައްޒަފެއްގެ އިތުރުން 25 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރި މީހަކަށް ޚިދުމަތުގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ. މީގެ އިތުރުން އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ރިޓަޔަރ ކުރެއްވި ނުވަ ފަރާތަކަށާއި ދިގު މުއްދަތަކަށް ޚިދުމަތް ކުރުމަށްފަހު ޚިދުމަތުން ރިޓަޔަރ ކުރި އަންހެނަކަށް ވެސް ރޭގެ ހަފްލާގައި ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ.