01 Aug 2011, 05:29
ދެކުނުއެފްރިކާގެ ރައީސް ޖޭކޮބް ޒޫމާގެ ގައިކޮޅަށް އޮޅުމެއްގެ ތެރޭގައި ފެން ފޮދަކާއި ރާފޮދެއް އެޅި މީހެއްގެ މައްޗަށް އެގައުމުގެ ކޯޓެއްގައި ދައުވާކޮށްފި އެވެ.
ދެކުނު އެފްރިކާގެ ނޫސްތަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ޒޫމާއަށް ފެނާއި ރަލުން ހަމަލާދިން ކަމުގެ ދައުވާ ކޯޓްގައި އުފުލިފައި ވަނީ ޑެރީލް ޕީންސޭ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. މިދިޔަ ބުދަދުވަހު އޭނާގެ މައްޗަށް އެދައުވާ އުފުލާފައި ވަނީ މީގެ އެއް އަހަރު ކުރިން ޑާބަންގައި ބޭއްވި އަސް ރޭހެއްގައި ޒޫމާ އަހުގައި ވަޑައިގަންނަވަނިކޮށް ގެއެއްގެ ބެލްކަނީގައި ރާބޮއި މަސްތުވެފައި ހުރެގެން އުކި ފެންފޮދަކާއި ރާފޮދަކުން ބައެއް ޒޫމާގެ ގައިކޮޅަށް އެޅިގެންނެވެ.
ދެކުނު އެފްރިކާގެ ވަކީލަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނި ކަމަށް ރޮއިޓާސްގައި ވަނީ ޕީންސޭގެ މައްޗަށް އެމައްސަލައިގާ ހުކުމް ކުރުން މިހާރު ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.
ޕީންސޭގެ ވަކީލު ކޯޓްގައި ބުނެފައި ވަނީ ޒޫމާގެ ގައިކޮޅަށް ރަލާއި ފެން އުކުނީ އޭނާ މަސްތުވެފައިވާ ހާލުގައެވެ. އަދި ސީދާ ޒޫމާގެ ގައިކޮޅަށް އެތަކެތި އުކުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އަދި އޭނާގެ އަތުން ޒޫމާގެ ގައިކޮޅަށް ބުރީ ވަރަށް ކުޑަ އެތި ފޮދެއް ކަމަށް ވެސް ޕީންސޭގެ ވަކީލު ބުންޏެވެ.
ނަމަވެސް ޕީންސޭ ޒޫމާގެ ގައިކޮޅަށް ރަލާއި ފެން އުކި މަންޒަރު ދުށްކަމަށް ޒޫމާގެ ބޮޑީގާޑް ޝަރީއަތުގެ މަޖިލީހުގައި ހެކިދިނެވެ.