12 Oct 2017, 16:44
އދ. މަންދޫ ޖެޓީ ހެދުމުގެ މަސައްކަތް އަންނަަ ހަފްތާގައި ފެށޭނެކަމަށް އެމަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެމްއާރްޑީސީ) އިން ބުނެފިއެވެ.
އެމްއާރްޑީސީން ބުނީ މަންދޫ ޖެޓީ ހެދުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި އަންނަ ހަފްތާ ތެރޭ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމްއާރްޑީސީ އާ ހަވާލުކޮށްގެން މަންދޫ ޖެޓީ ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، މި މަޝްރޫއުގެ ދަށުން އިތުރު ރަށްތަކެއްގެ ޖެޓީގެ މަސައްކަތްވެސް ހައުސިން އިން ވަނީ އެމްއާރްޑީސީ އާ ހަވާލުކޮށްފައެވެ. އެ ރަަށްތަކަކީ މ. ރަތްމަންދޫ، ވ. ރަކީދޫ، ވ.ފުލިދޫ، ބ. ފެހެންދޫ، ބ. ފުޅަދޫ އަދި ރ. ރަސްގެތީމެވެ. މިރަށްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކަމަށް އެމްއާރްޑީސީ އިން ބުނެއެވެ.
މިރަށްތަކުގެ ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ރަތްމަންދޫ އާއި ރަކީދޫ ޖެޓީގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއާރްޑީސީ އިން ބުނެއެވެ.
މީގެ އިތުރުން ފުލިދޫ ޖެޓީގެގެ މަސައްކަތުގެ 27 އިންސައްތަ، ފުޅަދޫއާއި އަދި ފެހެންދޫގެ ޖެޓީގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެމްއާރްޑީސީ އިން ބުނެއެވެ.
އެމްއާރްޑީސީ އާއި ހަވާލުކޮށްފައިވާ ޖެޓީ ހެދުމުގެ ޕްރޮޖެކްޓްތަކިގެ ތެރެއިން ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރަސްގެތީމްގެ ޖެޓީ ހެދުމަށް ބޭނުންވާ ސަމާނު މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށް އެމްއާރްޑީސީ އިން ބުނެ އެވެ.
އެމްއާރްޑިސީން ކުރިއަށްގެންދާ މަންދޫ ޖެޓީ ހެދުމުގެ މަޝްރޫޢު ޑިސެމްބަރު މަހުގެ ނިއަލަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 17،657277.88 ރުފިޔާ ޚަރަދުކުރާނެ އެވެ.
މި މަސައްކަތްތަކުގެ އިތުރުން އެމްއާރްޑީސީން މިހާރު އަންނަނީ 67 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ހިމެނޭ އދ. ރަށްތަކުގެ ތެރެއިން އެއަތޮޅު އޮމަދުއާއި ފެންފުށި ދަނޑުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު އދ. ދިގުރަށާއި، ދަނގެތީގެ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އެމްއާރްޑީސީ އިން ބުނެއެވެ.