14 Oct 2017, 09:02
ކޮންމެ މީހަކުވެސް ކައިވެންޏެއް ކުރާނީ ބައިވެރިޔާ އާއެކު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ކައިވެނި ކޮށްގެން އޫޅޭ ދެމަފިރިއެއް ނަމަވެސް ދެމީހުންގެ މިޒާޖުގައި ތަފާތުތަކެއް ހުންނާނެއެވެ. މި ތަފާތު ތަކާއެކުވެސް ދެމަފިރިން އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެހެން ކުރަންވާނެ ކަންތައް ހުންނާނެކަން ދަންނަންވާނެއެވެ.
ކައިވެންޏަކީ އުފާވެރި، ބާއްޖަވެރި ގުޅުމަކަށް ހެދުމަށްޓަކައި ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތު ހުސްކުރާށެވެ. އެކަކު އަނެކަކުގެ ބިޒީ ޝެޑިއުލް އިން ވަގުތު ހުސްކޮށްގެން ބައިވެރިޔާ އާއެކު ކޮލެޓީ ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަކުރެވޭނަމަ، ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތްކަން އިތުރުވާނެއެވެ. ރައްޓެހިވެގެން އުޅުނު ދުވަސްވަރު ފަދައިން ދޭތެރެ ދޭތެރެއިން ދެމީހުން އެކުގައި ޑޭޓުތަކަށްވެސް ދާންވާނެއެވެ.
އެކަކު އަނެކަކު ބޭނުންވާ ކަންތައް ކޮށްދިނުމަކީވެސް ކައިވެންޏެއް އުފާވެރިކަމާއެކު ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ. މިސާލަކަށް އަނބިމީހާއަށް ފެންތައްޓެއް ގެންގޮސްދިނުން، އަނބިމީހާ އޮފީހުން އަންނަންވާއިރަށް މީރު ކާއެއްޗެއް ތައްޔާރުކޮށްދިނުމަކީ ފިރިމީހާ އަށް، އަނބިމީހާއަށްޓަކައި ކޮށްދެވިދާނެ ކަމެކެވެ. އަނބިމީހާވެސް، ފިރިމީހާއަށްޓަކައި ކޮށްދެންޖެހޭ ކަންތައް ކޮށްދޭންވާނެއެވެ.
ދެމީހުން އެކުގައި ހީލާ ހެދުމަކީ ކައިވެނި ބާއްޖަވެރިވާނެކަމެއް ކަމަށް ރިލޭޝަންޝިޕް އެކްސްޕާޓުން ވިދާޅުވެއެވެ. އެކުގައި މަޖާ ވީޑިއޯއެއް ނޫނީ ފިލްމެއް ބަލައިގެން ނުވަތަ ޖޯކެއް ކިޔާލައިގެންވެސް ދެމަފިރިން އެކުގައި ހީލާ ހެދުމަކީ ދެމީހުންގެ ގުޅުން ބަދަހިވާނެ ކަމެކެވެ.
ބައިވެރިޔާ އަކީ އަބަދުވެސް ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް ހަދާށެވެ. ދެމީހުން އެކުގައި ހޭދަކުރާ ކޮންމެ މިނެޓަކީވެސް އެފަދަ އެކުވެރި، ވަގުތަކަށް ހަދާށެވެ. ކައިވެނި އުފާވެރިވާނީ އޭރުންނެވެ.
އެކަކު އަނެކަކުގެ ހުވަފެންތަކާއި އުއްމީދުތައް ހާސިލްކޮށް ހަގީގަތަކަށް ހެދުމަށް އެހީވެދޭށެވެ. ދެމީހުންގެ މުސްތަގުބަލަކީވެސް އެކައްޗެއް ކަމަށް ދެކިގެން މަސައްކަތް ކުރާށެވެ. އެކަކު އަނެކަކަށް ސަޕޯޓްދީ، ހިތްވަރު ދޭށެވެ. ދިމާވާ ބޮޑެތި ދަތި އުނދަގޫ ހާލަތްތަކުގައި އެކަކު އަނެކަމަށްޓަކާ ވާނަމަ، ދިރިއުޅުން އުފާވެރިވާނެއެވެ.