މާތް ﷲ އަހަރުތަކާއި މައްސަރުތައް ހެއްދެވިއެވެ. ދުވަސްތަކާއި ރޭތައް ހެއްދެވިއެވެ. މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރަކީ ރަމަޟާން މަހެވެ. ރަމަޟާން މަސް މާތް ކުރައްވާފައިވަނީ، އެމަހުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާތީއެވެ.

ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. އެމަހެއްގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ހިމެނޭ މައްސަރެވެ. ރަޙުމަތާއި މަޣްފިރަތާއި ފާފަ ފުއްސެވުން ހިމެނޭ މައްސަރެވެ. މިފަދަ މައްސަރެއް އަޅުގަނޑުމެންނާ ބައްދަލުކުރުމުން، އެމައްސަރުގެ ހެޔޮކަމާއި ބަރަކާތް ލިބިގަތުމަށް މަސައްކަތް ކުރަން ޖެހެއެވެ. ރަމަޟާން މަސް އައުމުން އުޑުގެ ދޮރުކޮޅުތައް ހުޅުވިގެން ދެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުވެގެން ދެއެވެ. އަދި ޝައިޠާނުންތައް ކަސްތަޅު އެޅިގެން ދެއެވެ.

މިގޮތުން ރަމަޟާން މަހުގެ ރޯދަ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ރޯދަ އަށް ހުރުމުގެ މާނައަކީ ފަޖުރުލީއްސުރެ އިރުއޮއްސެންދެން އެއްޗެއް ނުކައިނުބޮއި ހުރުން އެކަންޏެއް ނޫނެވެ. ތިމާގެ މައްޗަށް ފަރުޟް ކުރައްވާފައިވާ އެންމެހައި އަޅުކަންތައް ފުރިހަމަޔަށް އަދާ ކުރުމުގައި ހީވާގިވުމެވެ. ތިމާގެ އަތްފަޔާއި ދުލާއި ލޯ ޙަރާމް ކުރެއްވި ކަންތައްތަކުން ރައްކާތެރިކުރުމަށް ފަހު ރޯދަ ފުރިހަމަ ކުރުމެވެ. ތިމާގެ ހިތް ނިފާޤުކަމުގެ ނުބައި ބަލިން ސާފު ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، ތިމާގެ ނަފުސަށް އެދޭކަންތައް ތިމާގެ އަޚާގެ މައްޗަށް އެދިގެން ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމެވެ.

ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިމާގެ ނަފުސަށް އެދޭކަންތައް ތިމާގެ އަޚާއަށް އެދިއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމައެއް ނުވެއެވެ." އެހެންކަމުން ރަމަޟާން މަހުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ވީވަރަކުން ހެޔޮކަންތައް ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެވެ.
މި މައްސަރުގައި އަޅުގަނޑުމެން މުސްލިމުންނަށް އޮންނަ އެއް އިމްތިޙާނަކީ އަޅުގަނޑުމެންގެ މާއްދީ ޒާތު ތައުދީބު ކުރުމެވެ.