12 Oct 2017, 13:08
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްވެސް ރައްޔިތަކަށް "ފޯލްސް ހޯޕެއް" ނުދެއްވާނެ ކަމަށާއި ވަޑައިގެން ކޮންމެ ވައުދެއް ވެސް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ 7،000 ހައުސިން ޔުނިޓްގެ ތެރެއިން 1،000 ހައުސިން ޔުނިޓް، ސިވިލްސާވިސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުފުޅެއް ވެއްޖިއްޔާ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ގެންދަވަނީ ފުރިހަމަ ކުރައްވަމުން ކަމަށެވެ.
އަލަތު ކައިވެންޏާ އެކު ލިބޭ ފްލެޓްގެ ވައުދާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ވައުދުތައް ފުއްދަވަމުން އަންނަ ކަން ރައްޔިތުން ހެކި ވާނެ ކަމަށާއި އަލަށް އަޅަމުން އަންނަ ފްލެޓްތަކުން އެ ވައުދު ފުއްދިގެންދާނެ ކަމަށެވެ.
"ރައީސް ޔާމީން ފޯލްސް ހޯޕެއް ނުދެއްވަވާނެ. މިހާތަނަށް ވެސް ގެންދަވަނީ ވައުދު ފުއްދަމުން. ހީނުކުރާހާ ބޮޑެތި ކަންތައްތައް ވަނީ ނިމިގެންގޮސްފައި. އެހެން ކަމުން ރައްޔިތުން ޔަގީން ކުރާނެ ވައުދު ފުއްދަވާނެ ކަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައްޔިތުން ގެދޮރުވެރިކުރުވުމަކީ ރައީސް ޔާމީންގެ ވަރަށް މުހިއްމު އިސް ނެންގުވުމެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި ގެދޮރުވެރި ކުރުވުމަށް މި ސަރުކަރުން މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ވިދާޅުވީ 7000 ހައުސިންގް ޔުނިޓަކީ ދުލުން ބުނެލަން ފަސޭހަ އަދަދެއް ނަމަވެސް އެއީ ބުރަ އަދި ބިޔަ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހައުސިންގް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރައްވަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި ފްލެޓްތައް ދިނުމުގައި ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ. އަދި މިހާތަނަށް އަމަލު ކުރައްވާފައި ވަނީ ވެސް އެގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.