31 Jul 2011, 23:15
ދުވަހުގެ ޚަބަރު ސުރުޚީތައް މޯބައިލް ފޯނު ތަކަށް ފޮނުވައިދޭ ޚިދުމަތެއް ސަން މީޑިއާ ގްރޫޕުން މިރޭ ތައާރަފު ކޮށްފި އެވެ.
"ސަން ނިއުސް އަޕްޑޭޓް" ގެ ނަމުގައި ތައާރަފު ކުރި މި ޚިދުމަތް ހޯދާ ފަރާތްތަކަށް، އެ މީހަކު ކޮންމެ ތަނެއްގައި ހުރި ނަމަވެސް ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދިރާގުގެ ކަވަރޭޖް ލިބޭ ސަރަހައްދެއް ނަމަ ދުވަހުގެ ޚަބަރު ސުރުޚީތައް ފޯނަށް ލިބެމުންދާނެ އެވެ.
ކަސްޓަމަރުންނަށް ވެސް ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޚިދުމަތް ހޯދަން ބޭނުން ފަރާތްތަކުން ފުރަތަމަ ޖެހެނީ އެސްއެމްއެސް އެއް މެދުވެރިކޮށް ރަޖިސްޓްރީވާށެވެ.
ރަޖިސްޓްރީ ވާނީ sub ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި sunnews ޖެހުމަށް ފަހު 2747 އަށް ފޮނުވައިގެނެވެ.
އެ މެސެޖް ފޮނުވުމުން ސަން ނިއުސް އަށް ރަޖިސްޓްރީ ވެފައިވާކަން އަންގައިދޭ މެސެޖެއް ލިބޭނެ އެވެ.
ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ރާއްޖޭގައި ދުވަހުން ދުވަހަށް ހިނގާ މުހިންމު ކަންކަމުގެ މައުލޫމާތު އެނގެން ބޭނުންވާ ފަރާތްތަކަށް އިތުރު ދޮރެއް ހުޅުވި، ފަސޭހަ ވެގެން ދާނެ އެވެ.
ސަން ނިއުސް އަޕްޑޭޓްގެ ޚިދުމަތް އޯގަސްޓް މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ސަން އިން ދެމުން ގެންދާނީ ހިލެ އެވެ. އޭގެ ފަހުން މި ޚިދުމަތަށް ދުވާލަކު ނަގާނީ ރުފިޔާ އެކެވެ.
"މިހާރު މީހުން މި އުޅެނީ ވަރަށް އަވަދިނެތި. ޚަބަރު ކިޔުމާއި ޚަބަރު އަޑު އެހުމާއި ޚަބަރު ބެލުން ފަދަ ކަންކަމަށް ވެސް ވަގުތު ދިނުން މި އޮންނަނީ އުނދަގޫ ކަމަކަށް ވެފަ. ސަން ނިއުސް އަޕްޑޭޓްގެ ސަބަބުން އެ ފަދަ ބިޒީ ބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ. ކޮންމެ ތަނެއްގަ ކޮންމެ ކަމެއް ކުރައްވަން ހުންނެވިއަސް ގައުމުގައި ހިނގާ ކަންކަމުގެ ސުރުޚީތައް އެ ބޭފުޅެއްގެ ފޯނަށް އަޅުގަނޑުމެންގެ ނިއުސް ޓީމުން ފޮނުވައިދެމުން ގެންދާނެ،" ސިނާން ވިދާޅުވި އެވެ.
މިއަހަރު ކުރީކޮޅު ސަން މީޑިއާ ގްރޫޕުން ވަނީ ސަންގެ އައިފޯން އެޕްލިކޭޝަން ވެސް ތައާރަފުކޮށްފަ އެވެ.