ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ހޮވައިގެން އެ ކޮމިޓީގެ ބައްދަލުވުންތައް މިއަދު ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ އެކޮމިޓީގެ މުގައްރިރަކު ހޮވުމެވެ. މުގައްރިރަކަށް އަހުމަދު ހޮވިވަޑައިގަތީ އެކޮމިޓީގެ މުގައްރިރަކަށް ހުންނަވަން ފެނިވަޑައިގެންނަވާ މެންބަރެއްގެ ނުވަތަ މެންބަރުންތަކެއްގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެމަގާމަށް ނަން ހުށަހެޅުއްވި ހަމައެކަނި މެންބަރަކީ އޭނާ ކަމުގައިވާތީ އެނަމަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާގުން ފާސް ވެގެނެވެ.

ކޮމިޓީގެ ނައިބަކަށް ވެސް މިއަދު ބޭފުޅަކު ވަނީ ހޮއްވަވާފަ އެވެ. އެމަގާމަށް ހުށަހެޅުނު ހަމައެކަނި ނަމަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. އޭނާގެ ނަންވެސް ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

މީގެއިތުރުން އާ ގާނޫނު އަސާސީ އަށް އަމަލް ކުރަން ފެށިއިރު އަމަލު ކުރަމުން އައި ބައެއް ގަވާއިދުތަކާ ބެހޭ ގާނޫނުތައް ހެދެންދެއް، އެގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް 2008 ގައި އެކުލަވާލި އާއްމު ގަވާއިދާ ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް ޤާނޫނީ ބާރު ލިބިދޭން ޖެހޭ ކަމަށް މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުން ނިންމި އެވެ. ނަމަވެސް މިހާތަނަށް އެގާނޫނުތައް ހެދިފައިނުވާތީ އެޤާނޫނުގެ މުއްދަތު އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކުރި އެވެ. އެޤާނުނަށް އަމަލުކުރުމަށް ކުރިން މަޖިލީހުން އިތުރުކޮށްދީފައިވާ މުއްދަތު މިއަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހަށް ހަމަވާނެ އެވެ.

އެކޮމިޓީގައި ހިމެނިވަޑައިގެންނަވާ މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަފީޤު ހަސަނާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ 11 މެންބަރުންގެ ތެރެއިން އަށް މެންބަރުންނެވެ.