20 May 2010, 14:45
19:00
މި ދުވަސްވަރު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނާއި އެޤައުމުގައި ދިރިއުޅޭ ދިވެހިން ބެންކޮކްގައި ހުންނަ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހުގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ތައިލެންޑުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ތައިލޭންޑް ސަރުކާރުން އިއްޔެ އިޢުލާންކޮށްފައިވާ ކާފިއު ކުރިއަށް އޮތް ދެ ދުވަހު ވެސް ކުރިއަށް ގެންދާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ ޤައުމުގައި އޮތް ކާފިއު މިމަހުގެ 20 އިން 22 އަށް ތައިލޭންޑުގެ ގަޑިން ރޭގަނޑު 9 އަކުން ފެށިގެން ފަތިހުގެ 5 ޖަހަންދެއް ކުރިއަށްދާނެ ކަމަށާއި ނަމަވެސް މިވަގުތުތަކުގައި ތައިލޭންޑަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ މީހުން އެމީހުންގެ ޕާސްޕޯޓާއި ޓިކެޓް ކާފިއު ބަލަހައްޓާ ސިފައިންނަށް ދެއްކުމުން އެމީހުން ތައިލޭންޑްގައި ތިބޭ މަންޒިލަށް ދަތުރުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ތައިލޭންޑްގައި ދިރިއުޅޭ ދިވެހިންނާއި އެޤައުމަށް ދަތުރުކުރާ ދިވެހިންނަށްވެސް ތައިލެންޑުގައި އުޅުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެ ތައިލޭންޑުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހުގެ އެހީތެރިކަން ހޯދުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.