12 Oct 2017, 10:53
ވޮޝިންޓަން (އޮކްޓޯބަރު 12): އެމެރިކާގެ ނިއުކްލިއާ ހަތިޔާރުގެ މިންވަރު ދިހަ ގުނައަށް އިތުރު ކުރަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް އެންބީސީ ނޫހުން ރިޕޯޓު ކުރުމާ ގުޅިގެން ރައީސް ޓްރަމްޕް އެނޫހަށް އިންޒާރު ދެއްވައިފި އެވެ.
އެންބީސީން ގެނެސްދެނީ 'ފޭކު ހަބަރު' ކަމަށް ވިދާޅުވެ، ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އެފަދަ ނެޓްވޯކުތަކުގެ ލައިސެންސް ބާތިލު ކުރަން ޖެހެނީ ކިހާ ހިސާބަކަށް ދިޔުމުންތޯ ސުވާލު އުފައްދައިފަ އެވެ.
އަދި އިއްޔެ ވައިޓް ހައުސްގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އެންބީސީގެ ރިޕޯޓު ދޮގު ކުރައްވައި، ނޫސްތަކުން ބޭނުން ކޮންމެ އެއްޗެއް ލިޔުމަށް ފުރުސަތު ލިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ އެންބީސީގެ ހަބަރު ދޮގު ކުރައްވައި، އޭނާ ބޭނުންފުޅު ވަނީ ނިއުކްލިއާ ހަތިޔާރު އިތުރު ކުރުމުގެ ބަދަލުގައި އެގައުމުގެ ހުރި ހަތިޔާރު ޒަމާނީ ކުރަން ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޓްރަމްޕްގެ އިތުރުން ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ވަނީ އެރިޕޯޓް ދޮގު ކުރައްވައިފަ އެވެ. އަދި އެއީ "ތެދު ނޫން، ޒިންމާދާރުކަން ކުޑަ" ނޫސްވެރިކަން ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ޓުވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅޭ ފަދަ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އެގޮތުން ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އޮފީސް އޮފް އެތިކްސްގައި އިސްކޮށް ހުންނެވި ވޯލްޓާ ޝައުބް ވަނީ އެފަދަ ބަސްތަކުގެ ސަބަބުން ޑިމޮކްރަސީ ނެތި ދިޔުމަށް މަގު ފަހިވާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)