31 Jul 2011, 17:48
ގދ. ތިނަދޫގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށް، އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ކުއްޖާ އެމްއެންޑީއެފްގެ ރެހެންދި ހެލްކޮޕްޓަރުގައި މިއަދު ހަވީރު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ ތިނަދޫ ހޮސްޕިޓަލްގައި ކޯމާގައި އޮތް ހާލުދެރަ ބަލި ކުއްޖާ، މިއަދު ހަވީރު "ރެހެންދި" ހެލްކޮޕްޓަރުގައި މާލެ ގެނެސްފައިވާ ކަމަށެވެ. އުމުރުން ނުވަ އަހަރުގެ އެކުއްޖާ މާލެ ގެނެސްފައި ވަނީ ވީހާ އަވަހަކަށް އެކުއްޖާ މާލެ ގެނެސް ފަރުވާ ދިނުމަށް ބޭނުންވާތީ އެހޮސްޕިޓަލުން އެމްއެންޑީއެފްގައި އެދުމުންނެވެ
ހުކުރު ދުވަހު ހެނދުނު ގދ. ތިނަދޫގެ ގެއެއްގެ ގޯތިތެރޭގައި ހުރި ރުކެއްގައި ދަންޖެހިފައި ހުއްޓާ ސަލާމަތްކުރި އެކުއްޖާ އަވަސް އަވަހަށް ފިޓް ޖެހެމުންދާތީ އާއި އެކުއްޖާ ނުކުޅެދޭ ކުއްޖަކަށް ވެދާނެ ކަމުގެ ބިރު ހީވާކަމަށް ޑޮކްޓަރުންނާ ހަވާލާދީފައިވާ ކަމަށް އެކުއްޖާގެ އާއިލާއިން އިއްޔެ ވަނީ ބުނެފަ އެވެ.
އެކުއްކާ ދަންޖެހުނީ ކުޅޭ އެއްޗެއްގެ މައްސަލައިގާ އޭނާގެ ދައްތައަކާ ދެބަސްވުމަށް ފަހުއެވެ. ދަންޖެހިފައި ހުއްޓާ އޭނާ ސަލާމަތްކުރީ އޭނާގެ ބޭބެ އެވެ.