11 Oct 2017, 21:16
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޖަލަށް ލައިފައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން މިއަދު ގޭބަންދަށް ދޫކޮށްލައިފައިވާތީވޭ ރައީސް ޔާމީންއަށް ކުރީގެ ރައީސް އަދި ފާރިޝްގެ ބައްޕާފުޅު ރައީސް މައުމޫން ޝުކުރު ދަންނަވައިފިއެވެ.
މާފުށީ ޖަލުގައި ފާރިސް ހުންނަވާ ތަން މަރާމާތުކުރުމަށް ކަމަށް ބުނެ ކަރެކްޝަނުން މިއަދު މެންދުރުފަހު އެ ބޭފުޅާ ދޫކޮށްލައިފައިވާތީވެ އެކަމާ ބޭހޭ ގޮތުން ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފާރިޝް ވަގުތީގޮތުން ޖަލުން ގޭ ބަންދަށް ދޫކޮށްލީތީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު ކުރާކަމަށެވެ.
Thank you President for transferring MP@afarismaumoontemporarily from prison to house arrest.
— Maumoon Abdul Gayoom (@maumoonagayoom)October 11, 2017
ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ޝަޚްސު އޮޅުވާލުމުގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެވެ.
ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ ނަމުގައި އޭނާ ނިއުސްކޮންފަރެންސެއް ބާއްވާފައިވާތީއެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކޮށެވެ.