ބައިނަލް އަގްވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން ޖެންޑަރ މިނިސްޓްރީ އިން ކުރިއަށް ގެންދިޔަ "ގާލްސް ލީޑް އިނިޝިއޭޓިވް ޕްރޮގްރާމް" ނިންމާލައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ފަސް ކޮލެޖަކުން 30 އަށް ވުރެ ގިނަ އަންހެން ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ ބައިވެރިން ވަނީ މުއައްސަސާތަކުގައި ގޮތް ނިންމާ ފެންވަރުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއެކު އެއް ދުވަސް ހޭދަކޮށްފައެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ މަތީ މަގާމުތަކުގައި މަސައްކަތް ކުރުމުގެ ހުނަރު ކުދިންގެ ކިބާގައި އަށަގެންނެވުމާއި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ރޫހު ކުދިންގެ ކިބާގައި އަށަގެންނެވުން ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެއެވެ.

ގާލްސް ލީޑު އިނިޝިއޭޓިވް ޕްރޮގްރަމް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ރާއްޖޭގެ ނިސްބަތަށް ބަލާއިރު އަންހެން ކުދިން ގިނައިން ހަރަކާތްތެރި ވަނީ ކިޔަވައިދިނުމާއި ސިއްހީ ދާއިރާގައި ކަމަށާއި ގޮތް ނިންމާ، މެނޭޖްމެންޓް ލެވެލްގައި ދިވެހި އަންހެން ކުދިން ހަރަކާތްތެރިވާ މިންވަރު މަދު ކަމަށެވެ. އޭގެ ސަބަބަކީ ކައިވެނި ކުރުމާއި ދަރިން ލިބުމަށްފަހު ދިމާވާ ގޮންޖެހުންތައް ކަން ފާހަގަ ކުރައްވާ މިނިސްޓާ ވިދާޅުވީ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކު މަސައްކަތް ކުރާ ހިތްވާ ދާއިރާގައި ހުރި ފުރުސަތުތައް ބަލައި އެ ދާއިރާތަކުން އިންޓާންޝިޕް ޕްރޮގްރާމްތައް ފުރިހަމަ ކުރުން މުހިއްމު ކަމަށެވެ.

އަންހެން ކުއްޖަކަށް ވީނަމަވެސް ކަންކަމުގައި އިސްނަގައި މުސްތަޤުބަލަށް މަސައްކަތް ކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދެހާސްބާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލް އަގްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގަ އެވެ.