31 Jul 2011, 17:02
ރޯދަމަހު، ކުށްކުރުން ހުއްޓުވަން މާލެ ތެރެ ޕެޓްރޯލް ކުރުމަށް ހާއްސަ ޓްރެއިނިން ފުލުހުން ތަކެއް ނެރޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރޯދަމަހާ ދިމާކޮށް މާލެ ތެރޭ ކުށްކުރުން އިތުރުވަމުން އަންނާތީ އެކަންތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކެޕިޓަލް ޕޮލިސްގެ ހެޑް އަހުމަދު ރަހުމާން ވިދާޅުވީ ކޮންމެ ރޯދަމަހަކު ވެސް ވައްކަމާއި މާރާމާރީތައް އިތުރުވެގެންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމަށް ދުރާލާ ތައްޔާރު ވުމުގެ ގޮތުން ކ. މާފުށީގައި ފުލުހުންނަށް ޚާއްސަ ތަމްރީނު ތަކެއް ދީފައިވާނެ ކަމަށެވެ.
އަހުމަދު ވިދާޅުވީ ރޯދަމަހު އާންމު ގޮތެއްގައި ގިނަ ވައްކަންތައް ކުރަނީ ވަނީ ރޯދައްވިއްލާ ވަގުތާއި ފަތިސް ނަމާދަށް މީހުން ގެއިން ނުކުންނަށް ވަގުތު ތަކުގައި ކަމަށެވެ.
އަހުމަދު ވިދާޅުވީ ގޭގެއިންނާ އޮފީސްތަކާއި ފިހާރަތަކުން ވައްކަންތައް ކުރާ ވަގުތު ތަކަށް ސަމާލުވެ މާލެ ތެރެ ޕެޓްރޯލު ކުރަމުން ގެންދާނެ ކަމަށެވެ. އަދި އޮފީސް ތަކާ ފިހާރަތަކުގައި ސެކިއުރިޓީ ބަލަހައްޓަން ބައިތިއްބާފައި ތިބޭ ސެކިއުރިޓީންނަށް ތިބޭ މީހުން ތިބެނީ ނިދާފައި ތޯ ބަލާ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަންދު ދުވަސް ތަކާ ދިމާކޮށް ވައްކަން ކުރުން އިތުރުވެގެން އަންނަ ކަން ފާހަގަ ކޮށް އަހުމަދު ވިދާޅުވީ އެފަދަ ތަންތަން އާދިއްތަ ދުވަހު ގޮސް ބެލުމުގެ ބަދަލުގައި ކުރިއާލާ އަބަދުވެސް ޗެކްކޮށް ފިހާރަތަކުގައި ވެސް ބޭރަށް އަލި ފެންނަން ހުންނަ ގޮތަށް ބެހެއްޓުމުން ފުލުހުންގެ ތަހުގީގުތަކަށް ވެސް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.