ބޭންކޮކް (އޮކްޓޯބަރު 11): ތައިލޭންޑުގައި ފަތުރުވެރިންގެ މެދުގައި މަޝްހޫރު ގޮނޑުދޮށްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާ ގާނޫނެއް ތައާރަފް ކުރަން އެގައުމުން ނިންމައިފި އެވެ.

އަންނަ މަހުން ފެށިގެން އަމަލު ކުރަން ނިންމާފައިވާ އެގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ 20 ސަރަހައްދުތަކުގެ ތެރޭގައި ފުކެޓް އާއި ރިސޯޓް ރަށްތައް ކަމަށްވާ ކޯ ސަމުއި އާއި ޕަޓާޔާގެ ގޮނޑުދޮށްތައް ހިމެނެ އެވެ. އަދި އެގަވާއިދާ ހިލާފަށް އަމަލު ކުރާ މީހުންގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 3،000 ޑޮލަރުގެ ޖޫރިމަނާއެއް ކުރުން އެކަށީގެންވެ އެވެ.

ތައިލޭންޑުފެ އޮފިޝަލުން ވިދާޅުވި ގޮތުގައި އާގަވާއިދުގެ ކާމިޔާބީއަށް ބަލާފަ އިތުރު ގޮނޑުދޮށްތަކުގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާނެ އެވެ.

ތައިލޭންޑުގެ ޑިޕާޓްމެންޓް އޮފް މެރިން އެންޑް ކޯސްޓަލް ރިސޯސަސް (ޑީއެމްސީއާރު)ން ބުނި ގޮތުގައި އެޑިޕާޓްމެންޓުން ވަނީ ފުކެޓްގެ ގޮނޑުދޮށުގެ 2.5 ކިލޯމީޓަރުގެ ސަރަހައްދަކުން 138،000 ސިނގިރެޓް ފިލްޓަރު ނަގާފަ އެވެ. އެއީ އެގޮނޑުދޮށުން ހޮވާ ކުނީގެ ތިން ބައި ބައި ކުޅަ އެއްބައި ކަމަށްވެސް ޑީއެމްސީއާރުުން ބުންޏެވެ. (ބީބީސީ)