އެންގުން ތަކާ ހިލާފުވުމުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކޮށްފި އެވެ.

ފީފާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ޕާކިސްތާން ސަސްޕެންޑް ކުރަން އެ އިދާރާއިން ނިންމީ 2015 އަހަރުން ފެށިގެން ސަރުކާރުގެ ނުފޫޒާ ބޭނުން ކޮށްގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާ ހަވާލުކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އައިސްފައިނުވާތީ އެވެ.

ފީފާއިން ތަކުރާރުކޮށް ޕާކިސްތާން ފެޑެރޭޝަނުގެ ރައީސަކު ހޮވާ އިންތިހާބު އަލުން ބޭއްވުމަށް އެންގުމުން ވެސް އެކަން ކޮށްފަ އެއް ނުވެ އެވެ.

"ގައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގުމަށް ފީފާއިން އެކުލަވާލާފައިވާ ގަވައިދާ ހިލާފަށް ޕާކިސްތާން ފެޑެރޭޝަން ހިންގަމުން އަންނަނީ ކޯޓު މެދުވެރިކޮށް ކަނޑައަޅާފައިވާ އެޑްމިނިސްޓްރޭޓަރެއްގެ ބެލުމުގެ ދަށުން." ފީފާއިން ބުނެފައި ވެއެވެ.

ފީފާއިން ބުނީ ސަސްޕެންޝަން އުވާލާނީ ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަންގެ ހުރިހާ އޮފީސްތަކާއި އެކައުންޓުތައް އެ ފެޑެރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ދުވަހަކުން ކަމަށެވެ.

މި ސަސްޕެންޝަނާ ގުޅިގެން ޕާކިސްތާނުގެ އެއްވެސް ކްލަބަކަށް އޭއެފްސީ އާއި ފީފާއިން ހިންގާ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭނެ އެވެ. އަދި ޕާކިސްތާނު ފެޑެރޭޝަނުން އޭއެފްސީ ނޫނީ ފީފާގެ ނަމުގައި އެއްވެސް ކޯހެއް ނުހިންގޭނެ ކަމަށް ވަނީ އަންގައިފަ އެވެ.