ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ފާރިސް ގޭބަންދަށް ބަދަލުކުރީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށެވެ.

ފާރިސް ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި އޭނާ ހުންނަވާ ޔުނިޓް މާރާމާތުކުރުމަށް ކަމަށެވެ. އަދި އެތަން މަރާމާތުކޮށްނިމުމުން އަނބުރާ ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް ލުގުމާން ވިދާޅުވިއެވެ.

ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ޝަޚްސު އޮޅުވާލުމުގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ ނަމުގައި އޭނާ ނިއުސްކޮންފަރެންސެއް ބާއްވާފައިވާތީއެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކޮށެވެ.