އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ޕެނަލާ ކޮލިފައި ވެއްޖެއެވެ.

ޕެނަމާ ވޯލްޑްކަޕުން ޖާގަ ހޯދީ އުތުރު އަދި މެދުތެރޭ އެމެރިކާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ކުޅޭ ކޮލިފައިންގައި ބުދަ ދުވަހުގެ ރޭ ކޮސްޓަރީކާގެ މައްޗަށް 1-2 އިން ކުރި ހޯދައިގެންނެވެ.

ކޮންކާކަފް ކޮލިފައިންގެ ފަހު ބުރުގައި ރޭ ޕެނަމާ އާ ކޮސްޓަރީކާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޕެނަމާ އިންނެވެ. ފުރަތަމަ ހާފްގެ 36 ވަނަ މިނިޓުގައި ޕެނަމާ އަށް ކުރި ހޯދައިދިނީ ޔޮހާން ވެގޭނަސް އެވެ. މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ޕެނަމާގެ ލަނޑުތައް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ.

މެޗުގެ 56 ވަނަ މިނިޓުގައި ކޮސްޓަރިކާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގެބްރިއަލް ޓޮރޭސް އެވެ. މިމެޗުން ޕެނަމާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީ، ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިދިނީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ރޮމާން ޓޮރޭސް ޖަހައިދިން ލަނޑުންނެވެ.

މިމޮޅާއެކު ކޮންކާކަފް ސަރަޙައްދުގެ ތާވަލްގެ ތިންވަނަ ޕެނަމާ ހޯދީ ކޮލިފައިންގައި ކުޅުނު 10 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޕެނަމާގެ އިތުރުން ހޮންޑިއުރާސް އިން ވެސް ވަނީ 10 މެޗުން 13 ޕޮއިންޓް ހަމަކޮށްފައެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ހޮންޑިއުރާސް އަށް ލިބިފައިވަނީ ޕްލޭއޯފްގެ ޖާގަ އެވެ. ކޮންކާކަފް ސަރަޙައްދުން ފީފާ ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭ ތިން ޓީމުގެ ތެރޭގައި ހިމެނެނީ މެކްސިކޯ އަދި ކޮސްޓަރީކާ އެވެ.

ކޮންކާކަފް ސަރަހައްދުން ޕްލޭއޯފްގެ ޖާގަ ހޯދި ހޮންޑިއުރާސް، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޯފްގައި ބައްދަލުކުރަން ޖެހޭނީ އޮސްޓްރޭލިއާ އާއެވެ.