31 Jul 2011, 16:54
މި ރަމަޟާން މަހު އެކިއެކި އެހީތެރި ކަމަށް ބޭނުންވެފައި ތިބި މީހުންނާ މެދު ވަކިން ހާއްސަ ސަމާލު ކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް މިހެން ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވުމުގެ ގޮތުން މިއަދު ފޮނުއްވި އެމަނިކުފާނުގެ ހިތާބުގަ އެވެ.
ރައީސްގެ ހިތާބުގައި ރޯދަ މަހަކީ ހެޔޮ ކަންތައްތައް އިތުރުކުރުމާއި ގުރުއާނުގެ ކިޔެވުމާއި ނިކަމެތި ފަޤީރުންނަށް އެހީވުމުގެ މަހެއް ކަމަށް ވިދާޅުވި އެވެ. އަދި މިމަހު ވީހާވެސް ގިނަ ހެޔޮ ކަންތައްތަކެއްކޮށް، މި މައްސަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ، ކޮންމެ މީހެއްގެ ވެސް އަޒުމެއް ކަމުގައި ހެދުމަށްވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްއިއްޔާ، ޖަމާއަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި އެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްއިއްޔާ، ޖަމާއަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.