ށ. ފުނަދޫ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތިތަކެއް ފުލުހުން އަތުލައިގަނެފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލައިގަނެފައި ވަނީ މާލެއިން ފުރައިގެން ފުނަދު އަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުނަދޫ ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރުމަށް ފަހު އަތުލައިގަތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ އެ ރަށު ޕޮލިސްޓޭޝަނުން ތަހުގީގު ކުރާ ކަމަށް ފުލުހުންނ ބުންޏެވެ.