މެޑްރިޑް (އޮކްޓޯބަރު 11): ކެތަލޯނިއާގެ ލީޑަރު ކާލޯސް ޕުޖިޑެމޮން ސޮއި ކުރެއްވި މިނިވަން ކަމުގެ ގަރާރާ ސްޕެއިންގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ކެތަލޯނިއާ މިނިވަން ދައުލަތަކަށްވުމާ ބެހޭ ގޮތުން މިމަހުގެ އެއް ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ޕުޖިޑެމޮން ވަނީ މިނިވަންކަމުގެ ގަރާރެއްގައި އިއްޔެ ސޮއި ކުރައްވާފަ އެވެ. ނަމަވެސް މިނިވަންވަންކަން އިއުލާން ކުރުމުގެ ކުރިން، ބޭރު ގައުމެއް މެދުވެރިއެއްގެ ގޮތުގައި އޮވެގެން ސްޕެއިންގެ ސަރުކާރާ މަޝްވަރާތައް ބާއްވަން ހުށަހަޅާފަ އެވެ.

ނަމަވެސް ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބު ސޮރާޔާ ސައެންޒް ޑި ސަންޓަމަރިއާ ވަނީ ކެތަލޯނިއާގެ މިނިވަން ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އަދި ރައީސް ޕުޖިޑެމޮން ވަނީ ކެތަލޯނިއާގެ ހާލަތު މީގެ ކުރިން އެއްވެސް އިރެއްގައި ގޯސް ނުވާ ވަރަށް ގޯސްކޮށްފައި ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޕުޖިޑެމޮން މިއަދު ދެއްވި ތަގުރީރުން އެނގިގެންދަނީ ރައީސަށް އެނގިވަޑައިނުގަންނަވާކަން އޭނާ ހުންނެވި ތަނެއް، ދާންވީ ތަނެއް އަދި އެތަނަކަށް ދާން ބޭނުންވަނީ ކޮން ބަޔަކާ އެއްކޮށް ކަމެއް،" ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވި އެވެ.

ރައީސް ޕުޖިޑެމޮން އިއްޔެ ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރުގައި ކެތަލޯނިއާގެ މިނިވަންކަން އިއުލާން ކުރާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރި އެވެ. ނަމަވެސް ރައީސް އެފަދައިން ވިދާޅުނުވުމުން މިނިވަންކަމަށް ވޯޓު ދިން ގިނަ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. (ބީބީސީ)