11 Oct 2017, 12:38
އަންހެނުންނަށް ކުރާ ތަފާތުތައް ނައްތާލުމަށް ކުޑަކުދިން ހޭލުންތެރި ކުރުމަށް އަތްމަތީ ފޮތެއް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) ނެރެފި އެވެ.
މިއަދު މޫކައި ސުއިޓްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވާފައި ވަނީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
މިއީ މިފަދަ ފޮތެއް ދިވެހި ބަހުން ނެރުނު ފުރަތަމަ ފަހަރެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ކުރާ ތަފާތުތައް ނައްތާލަން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ފޮތް ނެރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި 2008 ވަނަ އަހަރު ތަސްދީގުކޮށްފައިވާ ގާނޫނު އަސާސީ އިން ޖިންސީ ތަފާތުކުރުން މަނާކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމް އުނގެނެނީ ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން ކަމަށާއި ނަމަވެސް ވަޒީފާގެ މާހައަލުލަށް ނުކުތުމުން ބައެއް ކަހަލަ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވެ، ވަޒީފާ އަދާކުރާ މިންވަރު މަދު ކަމަށެވެ.
"ވަޒީފާގެ މާހައުލަށް ނުކުތުމުން ބައެއް ކަހަލަ ދާއިރާތަކުގައި ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން މަސައްކަތްކުރާ މިންވަރު މަދު. އެކަމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ [ތަފާތު ކުރުން]. އެކުދިންނަށް އެކި ބާވަތުގެ އަނިޔާ ލިބޭ އިރު އެކަންކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުން. އެގޮތުން ރިޕޯޓިން މެކޭނިޒަމްތައް ހަރުދަނާކޮށް ހިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް އަދި ސައިކޯ ސޯޝަލް ސަޕޯޓް މިނިސްޓްރީން މިދަނީ ފޯރުކޮށްދެމުން،" ޒެނީޝާ ވިދާޅުވި އެވެ.
ފޮތާ ބެހޭ ގޮތުން އިތުރު މައުލޫމަތު ނޫސްވެރިންނާ ދެމުން އާކްގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ވިދާޅުވީ ފޮތް ނެރުމުގެ މައިގަނޑު މަގްސަދަކީ އަންހެން ކުދިންނަށް ކުރާ ތަފާތާއި އެކުދިންގެ ހައްގުތައް ބުނެދިނުމަށް ކަމަށެވެ.
މުރުތަލާ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި އާންމުންނަށް އެ ފޮތް ލިބޭނެ ކަމަށާ އަދި ސްކޫލްތަކުގެ ލައިބްރަރީތަކުން އެ ފޮތް ލިބޭނެ އިންތިޒާމްތައް ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.