ދިވެހިންނަށް އަލަށް ދޫކުރަން ފަށާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމައްޖައްސައިދޭން އެ ބޭންކުން ނިންމައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، މިއަދު ތައާރަފްކުރި ޕާސްޕޯޓް ކާޑު ބީއެމްއެލް ކާޑުގެ ވެރިފަރާތުގެ ކާޑާ ގުޅުވާލެވިގެންދާނެ ކަމަށެވެ. އަދި އެ ކާޑު ބޭނުންކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމްތަކުން ފައިސާ ނެގުމުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.

ޕާސްޕޯޓު ކާޑު ތައާރަފް ކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީއާ ހަވާލާދީ ބީއެމްއެލްގެ ބަޔާނުގައި ބުނީ ރާއްޖޭގެ އިމިގްރޭޝަންއާ ގުޅިގެން، ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓް ކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ދިވެހިންނަށް، ރާއްޖޭން ބޭރުގައި އައިޑީކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް މި ކާޑު ބޭނުންކުރެވޭނެ." ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ޕާސްޕޯޓް ކާޑު ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަނުން ވަނީ ޕާސްޕޯޓް ކާޑުގެ ފުރަތަމަ ކާޑު ރައީސް ޔާމީނަށް ހަދިޔާކޮށްފަ އެވެ.