ވިޔަފާރިކޮށް ފައިސާ ނެގުމާއި އަދި އިތުރު ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް، "ޕާސްޕޯޓު ކާޑު" ތައާރަފް ކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކާޑު ތައާރަފް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އެތެރޭގެ އުދުހުންތަކާއި ބޭރުގެ އުދުހުންތަކުގައި ބޭނުން ކުރެވޭ އެ ކާޑު ބޭނުން ކޮށްގެން، ބީއެމްއެލްގެ ކޭޝް ކާޑާއި، މާސްޓާ ކާޑު ބޭނުން ކުރެވޭ އޭޓީއެމް މެޝިންތަކުން ފައިސާ ނެގޭނެ އެވެ.

އޭގެ އިތުރުން ވިޔަފާރި ކުރުމަށާއި، އޮންލައިން ވިޔަފާރި ކުރުމަށް އެ ކާޑު ބޭނުން ކުރެވޭ އިރު، އެލައިޑް އިންޝުއަރަންސަށް ވެސް އެ ކާޑު ބޭނުން ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ކާޑަކީ، އައިޑީކާޑާއި ލައިސަންސް ކާޑުގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ކާޑެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ކާޑު ތައްޔާރު ކުރުމަށް، ޕޮލިކާބަން މެޓީރިއަލް ބޭނުންކޮށްފައިވުމުގެ ސަބަބުން ފަސޭހައިން ހަލާކު ނުވެ ގިނަ ޒަމާންތަކަކަށް ގެންގުޅެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ ކާޑަކީ ފަހުން ވެސް އެހެނިހެން ހިދުމަތްތައް އިތުރުކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރު ވިދާޅުވީ، އެ ކާޑަކީ، ސަލާމަތީ ގޮތުން ރައްކާތެރިކޮށް ހަދާފައިވާ ކާޑެއް ކަމަށެވެ. އަދި ޕާސްޕޯޓު ކާޑު އުފެއްދުމުގައި އެންމެ މުހިއްމު ކަމެއް ކަމުގައި ބަލާފައި ވާނީ، ދިވެހިންގެ ޒަމާނީ ދިރިއުޅުމާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ ކާޑަކަށް ހެދުމަށާއި، ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި، އެ ކާޑު ހެދުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރެއްވި އެވެ.

"ފައިސާގެ މުއާމަލާތް ކުރާނެ ކާޑެއް، ޕާސްޕޯޓު ކާޑެއް ހަދާފައިވާ މެޓީރިއަލްގައި މިހާތަނަށް އަދި ދުނިޔޭގައި ހަދާފައި ނުވޭ. އެހެން ކަމުން އަޅުގަނޑުމެންނަށް ވަރަށް ދަތިވި މިކަންތައް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިމިގްރޭޝަނުން ވަނީ ޕާސްޕޯޓް ކާޑުގެ ފުރަތަމަ ކާޑު ރައީސް ޔާމީނަށް ހަދިޔާކޮށްފަ އެވެ.