ވޮޝިންޓަން(އޮކްޓޯބަރު 11): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަންއަށް ގޮންޖައްސަވައި، ދެ ބޭފުޅުންގެ "އައިކިއު" އަޅާ ކިޔަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ފޯބްސް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް އެފަދައިން ވިދާޅުވީ އޭނާއަކީ މޮޔައެއް ކަމަށް ޓިލާސަން ވިދާޅުވި ކަމަށް ބުނާ ރިޕޯޓުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

"އަޅުގަނޑަށް ހީވަނީ އެއީ ފޭކު ހަބަރުހެން. އެކަމަކު ޓިލާސަން އެހެން ވިދާޅުވި ނަމަ، އަޅުގަނޑުމެން ޖެހޭނީ އައިކިއު ޓެސްޓު އަޅާ ކިޔަން. އަދި އަޅުގަނޑަށް އިނގޭ ކާކުކަން މޮޅުވާނީ،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން ޓްރަމްޕާއި ޓިލާސަންގެ ދެމެދުގައި ބޮޑެތި ދެބަސްވުންތައް އުފެދިފައިވާ ކަމުގެ ރިޕޯޓުތައް މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ. އެގޮތުން އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައާ ގުޅިގެން އެގައުމާ މަޝްވަރާ ކުރަން ތައްޔާރުވަމުންދާ ކަމަށް ޓިލާސަން ވިދާޅުވިތާ އެއް ދުވަސް ފަހުން ޓްރަމްޕް ވަނީ އެއީ ބޭކާރު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެފަދަ ދެބަސްވުންތަކާ ގުޅިގެން ޓިލާސަން އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ ރިޕޯޓުތައް މިދިޔަ ހަފްތާ ތެރޭގައި އޭނާ ވަނީ ދޮގު ކުރައްވާފައެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ޕެންޓަގަންގައި އޮތް ބައްދަލުވުމެއްގައި، ޓްރަމްޕަކީ މޮޔައެއް ކަމަށް ޓިލާސަން ވިދާޅުވެފައިވާ ކަމަށް ބުނާ ރިޕޯޓުތައް އޭނާ ދޮގު ކުރައްވާފައެއް ނުވެ އެވެ. (ބީބީސީ)